ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ޙައްޤެއް ކަމަށް ރައީސް ވިދާޅުވެއްޖެ

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާ ކަމަށާއި، މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރު އަމާޒުކުރެވިފައިވަނީ އިންސާނީ ކާރިސާތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ.

މިގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިވަގުތަށްވެސް ކުރަންޖެހޭ ކަމެއް ކަމަށް ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާއި، ސިއްޙީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައާއި އިންސާނީ ކާރިސާތަކަށް އިޖާބަދިނުމުގައި ނަފްސާނީ އެހީތެރިކަމުގެ ދައުރު ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދުންނާއި ޢާއިލާތަކުގެ އަދި ޤައުމުގެވެސް ބިންގާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު ވަނީ ނަފްސާނީ އެކިއެކި ކަންކަމާ ކުރިމަތިލާ ފަރާތްތަކަށް އެހީތެރިވުމަށް 1677 ހެލްޕްލައިން ޤާއިމްކޮށް، އޭގެ ޚިދުމަތް ދޭން ފަށާފައެވެ.

މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއެކު، ކަމާގުޅޭ އެހެނިހެން ޚިދުމަތްތަކަށް ރިފަރަލް ހެދުމުގެ މަސައްކަތްވެސް މި ހެލްޕްލައިންގެ ތެރެއިން ކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *