ބޮންޑައި ބީޗުގައި ބަޑި ޖެހީ ދާޢިޝް ގްރޫޕަށް ނިސްބަތްވާ ދެމީހުން ކަމަށް ބުނެފި

އޮސްޓްރޭލީއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ބަޑިޖަހާ ގިނަ ބަޔަކު މަރާލި ދެމީހުންނަކީ ދާޢިޝް ގްރޫޕުގެ ގަބޫލުކުރުންތަކުން ގަބޫލު ކުރާ ދެމީހުން ކަމަށް އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިސް ކޮމިޝަނަރު ކްރިސީ ބެރެޓް ވިދާޅުވެއްޖެއެވެ.

މި ހަމަލާ ދިނީ އުމުރުން 50 އަހަރާއި 24 އަހަރުގެ ދެބަފައިން ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ސިޔާސީ އަދި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ލީޑަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ، ތުހުމަތު ކުރެވޭ މީހުންގެ ފިކުރުތަކާ މެދު އޮފިޝަލުން ގަބޫލުކުރާ ކަންކަން ކަށަވަރުކޮށްދޭން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އުޅަނދުތަކުގައި ދާޢިޝް ނުވަތަ އައިއެސް ޖަމާއަތުގެ ދިދަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިހާދިސާގައި މިހާތަނަށް 15 މީހުން މަރުވެފައިވާއިރު، 10 އަހަރާއި 87 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ހިމެނެއެވެ.

މި ހާދިސާގައި ޒަހަމްވި 25 މީހަކަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނެއެވެ.

މި ހަމަލާގެ ތެރެއިން އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހުމަދު އަލް އަހުމަދު އަށް ވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޭނާ އަކީ ހަތިޔާރު އެޅި މީހުންގެ ތެރެއިން އެކަކު ބަޑީގެ ހަމަލާއެއް ދޭން އުޅުމުން، އެ މީހާ ހިފަަހައްޓައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިން މީހާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *