ތަކުރާރުކޮށް އެކި ކުށްތައް ކުރާ 1،000 މީހުން މާލެތެރެއަށް ދޫވެގެން އުޅޭ މައްސަލާގައި ހައްލު ހޯދަން، އެ މީހުން އެއްފަރާތްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތަފްސީލުދޭން އިސްކަންދަރުކޮށީގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މާލޭގައި ވައްކަންކުރުން ގިނަވާ އެއް ސަބަބަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ދޫވެފައި ތިބުން ކަމަށެވެ. ވައްކަން ގިނަވާ ދެވަނަ ސަބަބަކީ ވަގަށް ގެންދަން ފުރުސަތު ލިބޭ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނާޅައި މުދާ ބެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަކުރާރުކޮށް ކުށްކުރާ ގާތްގަނޑަކަށް 1،000 [މީހުން] އެބައުޅޭ، 1،000 މީހުން ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ،" އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ތަކުރާރުކޮށް ކުށްކުރާ މީހުންގެ ތެރެއިން ބައެއް މީހުން މި އަހަރުގެ މިހާތަނަށް ވެސް 1،012 ފަހަރު ހުއްޓުވައި ސުވާލު ކޮށްފައިވެ އެވެ. އަދި 128 ފަހަރު ހައްޔަރު ކޮށްފައިވާ މީހުންނާއި 580 ފަހަރު ހުއްޓުވައި ސުވާލުކޮށް، 55 ފަހަރު ހައްޔަރު ކޮށްފައިވާ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"މި މީސްމީހުން މަގުމަތީގައި އުޅުމަކީ އަސްލުގައި ކުށް ހިނގަން ވަރަށް ބޮޑަށް ދިމާވާ ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވެފައި ތިބޭ މައްސަލަ ހައްލުކުރަން ފުލުހުން ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެފަދަ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރަން ގިނަ އަދަދެއްގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ


