ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ތިބި ދެ މީހުންގެ ހުކުމް ހައިކޯޓުން މިއަދު ބާތިލުކުރުމަށް ފަހު އަލުން އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް އޭރު އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.

ނަމަވެސް، ހައިކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހްވީލުކޮށްފައެވެ. މި ނިންމުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި، ދައުލަތުގެ ހުށަހެޅުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން އިސްމާއީލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން އިތުރު ހަތަރު މީހެއްގެ މައްޗަށްވެސް ދައުވާ ކުރިއެވެ. އެއީ ހުސައިން ޒިޔާދާއި، އިސްމާއިލް ރަޝީދާއި، ހަސަން ޝިފާޒް އަދި މުހައްމަދު ދިފްރާނެވެ. މީގެ ތެރެއިން ދަށު ކޯޓުން ދައުވާ ސާބިތުނުވި މީހުންގެ ބައި ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމުގައި، ދަށު ކޯޓުން ދައުވާ ސާބިތުނުވާ ކަމަށް ނިންމި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި މުހައްމަދު ދިފްރާނުގެ ބައިވެސް އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ އަމުރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *