ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ގާނޫނު އަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީން ދެކޮޅު ހަދާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ދެ އިންތިހާބު އެއްފަހަރާ ބާއްވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ޣަފޫރު ވިދާޅުވީ އެ ބަދަލު ގެންނަން އުޅެނީ ސަރުކާރުގެ ދައުރު ދަންމާލަން ކަމަށެވެ. އެއީ ހަރަދުކުޑަކުރަން ގެންނަ ބަދަލެއް ނޫން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެެވެ. އަދި އެމްޑީޕީން އެ ހުށަހެޅުމާ ދެކޮޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީ ތާއީދެއް ނުކުރަން. އަޅުގަނޑުގެ މައްޗަށް މިއަދު އެމްޑީޕީގައި މި ބަސް ބުނާނެ އިތުރު މީހަކު ނުހުންނާނެ އިއްޒަތްތެރި ރައީސް. އަޅުގަނޑު ތާއީދު ނުކުރަނީ ތިރީގައި އެވާ ސަބަބުތަކަށްޓަކައި. މިކަން ކުރަންޏާ އަޅުގަނޑުމެން އެބަޖެހޭ އެމްއެންޔޫ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށްފަހު އޭގެ ނަތީޖާއަށް ބިނާކޮށް މިކަން ކުރަން،" ޣަފޫރު ވިދާޅުވި އެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ 10 އަހަރު ދުވަހަށް ވެރިކަން ދަންމާލަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ކުރައްވާ ތުހުމަތެކެވެ. އަދި އެކަން އެގޮތަށް ސަރުކާރުގެ މީޑިއާތަކުންނާއި ވެރިކަންކުރާ ޕާޓީގެ މީޑިއާތަކުން ތަކުރާރުކޮށް ބުނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކަން ކުރުމަށް [ވެރިކަން 10 އަހަރު ދުވަހަށް ދަންމާލަން] މަގުފަހިކުރުމަށްޓަކައި ކުރާ މަސައްކަތެއް މިކަމަކީ އިއްޒަތްތެރި ރައީސް. މިއުޅެނީކީ ހަރަދުބޮޑުވެގެނެއް ނޫން،" ޣަފޫރު ވިދާޅުވި އެވެ.
ހަރަދުބޮޑުވެގެން އެއްކޮށްލާ ނަމަ އެއްކޮށްލާނީ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލައި، ދައުރުގެ މެދު ތެރެއިން މަޖިލިސް އިންތިހާބު ބާއްވަން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.


