ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން ވަނީ ފަޒީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެއީ ޖިންސީ ގޯނާ ކުރުމާއި ނުރުހުމުގައި ގައިގައި އަތްލުމުގެ ދައުވާ އެވެ.
ފަޒީނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވި އެ މައްސަލަ ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް އަދި ފަޒީން މަގާމުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް ބްރޯޑްކޮމްގެ މެންބަރު ކަމުން ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިންމުމުގައިވާ ގޮތުން ފަޒީން ވަނީ ޖިންސީ ފުރައްސާރަ އަމާޒުވި މުވައްޒަފުގެ ނުރުހުމުގައި އޭނާގެ ގައިގައި އެކި ފަހަރު މަތިން އަތްލައި ރަސްމީ ނޫން މަސައްކަތްތަކުގައި އެ މުވައްޒަފަށް ގުޅައި ބޭއަދަބީކޮށް ވާހަކަވެސް ދައްކަވާފަ އެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީކޮށް ވާހަކަ ދައްކާފައިވާ ކަމަށް ފާހަގަ ކޮަށްފައިވެ އެވެ.


