އާކްޓިކްގައި ޗައިނާ އާއި ރަޝިޔާގެ ނުފޫޒު ބޮޑުކުރާތީ، މިލިޓަރީ ބޭސްއެއް ހެދުމަށް އައިސްލޭންޑް އެމެރިކާގެ މުށުތެރެއަށް ލުމަށް ޓްރަމްޕް ރާވަނީ

އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ޖަހައިގަނެގެން އުޅޭ މި ދުވަސްވަރުގައި ޑެންމާކުގެ ބާރުގެ ދަށުގައިވާ ގްރީންލޭންޑް ވެސް ޖަހައިގަންނަން މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑެންމާކަކީ ނޭޓޯގެ ގައުމަކަށް ވާއިރު، ފުރާންސުން ބުނީ ގްރީންލޭންޑް ހިމާޔަތް ކުރަން ޖެހިއްޖެ ނަމަ ނޭޓޯ އެކަމުގައި މަސައްކަތް ކުރާނެ ކަމަށެވެ.

ކަން މިހެން އޮތް އިރު، އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ޑެންމާކް ބައިޕާސްކޮށް ސީދާ ގްރީންލޭންޑްގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކަން ކަމަށް ރިޕޯޓްތައް ބުނެއެވެ. ވޮޝިންޓަނުން މިހާރު ފްރީ އެސޯސިއޭޝަން އެގްރީމަންޓެއްގެ ޑްރާފްޓެއް ތައްޔާރު ކުރަމުންދާ ކަމަށް ވެއެވެ.

ގްރީންލޭންޑަކީ ގާތްގަނޑަކަށް 2.16 މިލިއަން އަކަކިލޯމީޓަރުގެ ބިމެއް އޮންނަ ދުނިޔޭގެ އެންމެ ބޮޑު ރަށެވެ. އާބާދީގައި ގާތްގަނޑަކަށް 56،000 މީހުން އުޅޭއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ އައްސޭރިފަށުގަ އެވެ.

ކެނެޑާއާއި އެންމެ 25-30 ކިލޯމީޓަރު ދުރުގައި އޮތް ގްރީންލޭންޑާއި އެމެރިކާ އާއި ދެމެދު ގާތްގަނޑަކަށް 1،200 ކިލޯމީޓަރުގެ ދުރުމިނެއް އޮވެއެވެ. ގްރީންލޭންޑާއި ޑެންމާކާއި ދެމެދު ގާތްގަނޑަކަށް 4،000 ކިލޯމީޓަރުގެ ދުރުމިނެއް ވެއެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ގްރީންލޭންޑަކީ އެމެރިކާ އަށް ވަރަށް މުހިއްމު ލޮކޭޝަނެއް ކަމަށާއި އެ ރަށް ތަރައްގީކޮށް އެތަނުބައި އެމެރިކާއިން އިންވެސްޓް ކުރާނެ ކަމަށެވެ.

އެމެރިކާ އިން އުޅެނީ ގްރީންލޭންޑުގައި އަސްކަރީ ބޭޖެއް ހަދާށެވެ. އެމެރިކާއިން ގްރީންލޭންޑް އަތުލަން ބޭނުންވަނީ އާކްޓިކްގައި ޗައިނާއާއި ރަޝިޔާގެ ނުފޫޒު ބޮޑުވަމުންދާ މިންވަރު ހުއްޓުވުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގްރީންލޭންޑްގެ ވަށައިގެން ކެނެޑާ، އައިސްލޭންޑާއި ނޯވޭ އޮންނައިރު، އެއި ގުދުރަތީ ގޮތުން ވެސް މުއްސަނދި ރަށެކެވެ. ގްރީންލޭންޑުގައި ދަގަނޑު، ޒިންކް، ރަން، އަދި ޔޫރޭނިއަމްގެ ބޮޑު ޒާވް އެއް އޮވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *