އީރާނުގައި މުޒާހަރާކުރާ މީހުންގެ ދިފާއުގައި އެމެރިކާއިން ވަރުގަދަ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވުމުން، އީރާނުން އަވަސް މަޝްވަރާއަށް އެދިއްޖެ

އީރާންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ދިފާއުގައި، އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ވިސްނަމުންދާކަން، ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.

އީރާންގައި ތަކެތީ އަގު އިންތިހާއަށް ބޮޑުވެ، ރިއާލްގެ އަގު ދަށްވުމާ ދެކޮޅަށް ވިޔަފާރިވެރިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށި މުޒާހަރާތައް މިހާރު ވަނީ އެކި ސަރަހައްދުތަކަށް ފެތުރިފަ އެވެ.

އެ މުޒާހަރާތަކުގެ ތެރޭގައި އާންމުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތައް ހިނގައި، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ވެހިކަލްތަކާއި ބައެއް އިމާރާތްތަކުގައި ހުޅުޖަހައި، ބޮޑެތި ގެއްލުންތައް ވެސް ދީފަ އެވެ.

ހަމަ ނުޖެހުންތަކުގައި 109 މީހުން މަރުވެއްޖެ

އެ ކުރިމަތިލުންތަކުގައި، ސަލާމަތީ ބާރުތަކުގެ 109 މީހަކު މަރުވެފައިވާކަމަށް އީރާންގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.

އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައިނުވިޔަސް، އެ އަދަދު 100 އަށް ވުރެ މަތިވާނެކަމަށް އަމިއްލަ ބައެއް ޖަމާއަތްތަކުން ލަފާކުރެ އެވެ.

މުޒާހަރާތަކުގައި އާންމުންގެ މީހުން މެރުމާ ދެކޮޅަށް އެމެރިކާއިން ތެދުވާނެކަމުގެ އިންޒާރު ޓްރަމްޕް މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ.

އީރާންގެ ހާލަތު އެމެރިކާއިން ގެންދަނީ ވަރަށް ސީރިއަސްކޮށް ބަލަމުން

އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް އިއްޔެ ވިދާޅުވީ، އީރާންގެ ހާލަތު ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.

އަދި އަސްކަރީ ގޮތުން އެޅޭނެ "ވަރުގަދަ ފިޔަވަޅު"ތަކާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، އެކަމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާންގެ ސަރުކާރުން ވަނީ މިކަމުގައި އެމެރިކާ އާއެކު މަޝްވަރާކުރަން އެދިފަ އެވެ.

ނަމަވެސް، އެފަދަ ބައްދަލުވުމެއްގެ ކުރިން، އެމެރިކާއިން ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގެ އިންޒާރު ވެސް ޓްރަމްޕް އިއްޔެ ދެއްވި އެވެ.

އިންޓަނެޓްގެ ޚިދުމަތް ވަނީ ކަނޑާލާފަ

މުޒާހަރާތައް ފެތުރުން ކޮންޓްރޯލްކުރަން، އީރާންގެ ބޮޑު ސަރަހައްދަކުން މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ.

އަދި އެމެރިކާއިން ހަމަލާދީފިނަމަ، ވަރުގަދަ ރައްދެއް ދޭން ތައްޔާރުކަމަށް އީރާންގެ ސަރުކާރުގެ އިސް ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އީރާނާއި އިޒްރޭލާ ދެމެދު ހިނގި ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާއިން ވަދެ، ވަނީ އީރާންގެ ނިއުކްލިޔާ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފަ އެވެ.

އީރާނުން މަޝްވަރާއަށް އެދިއްޖެ

އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އެހީވެ އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު އީރާންގެ ލީޑަރުން ގުޅުއްވައި މަޝްވަރާއަށް ތައްޔާރަށް ތިބިކަން އަންގަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.

"އީރާންގެ ލީޑަރުން ވަނީ އިއްޔެ ގުޅުއްވާފައި،" އެއާ ފޯސް ވަންގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕު ވިދާޅުވީ މަޝްވަރާ ބައްދަލުވުން ހަމަޖައްސަމުން އަންނަ ކަމަށާއި އީރާނުން މިހާރު އެދެނީ މަޝްވަރާއަށް ކަމަށެވެ.

މަޝްވަރާގެ ކުރިންވެސް އީރާނަށް އެމެރިކާއިން ފިޔަވަޅު އަޅާފާނެ

ނަމަވެސް އީރާނާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް ދެއްވި އިންޒާރު ތަކުރާރު ކުރައްވައި ޓްރަމްޕު ވިދާޅުވީ މަޝްވަރާގެ ކުރިން ވެސް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

އީރާންގައި ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރާލައިފަ އެވެ. ސަރުކާރުން ގެންދަނީ ސަރުކާރަށް ތާއީދުކުރާ މީހުން މުޒާހަރާއާ ދެކޮޅަށް މަގުތަކަށް ނެރެ ކުރިމަތިލުމަށް މަގު ފަހުކުރަމުން ކަމަށާއި މިހާތަނަށް، މަދުވެގެން 192 މީހަކު މަރާލާފައިވާ ކަމަށް ކަށަވަރުކުރެވިފައިވާ ކަމަށް ބުންޏެވެ.

މިއީ ކަށަވަރުވާ އަދަދު ކަމަށާއި އެކަމަކު އަސްލު އަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޖަމާއަތްތަކުން ބުންޏެވެ.

ޓްރަމްޕު މީގެ ކުރިން ވަނީ އީރާންގައި މުޒާހަރާކުރާ މީހުން މަރާ ނަމަ އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެ ބާރުގެ ބޭނުންކޮށްގެން ވިޔަސް، މުޒާހަރާގެ ބައިވެރިންނަށް އެހީވާނެ ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގައި މުޒާހަރާތައް މީގެ ދެ ހަފްތާ ކުރިން ފެށުނީ އިގްތިސާދީ ދަތިކަން ބޮޑުވެ އެކަމާ އުފެދުނު ނުތަނަވަސްކަމުގަ އެވެ. އެކަމަކު މުޒާހަރާ ފުޅާވެ މިހާރު ވަނީ 1979 ގެ އިސްލާމީ އިންގިލާބަށް ފަހު އެ ގައުމުގައި ކުރާ އެންމެ ބޮޑު މުޒާހަރާއަށް ބަދަލުވެ ސަރުކާރަށް ބިރު ބޮޑުވެފަ އެވެ.

މި މުޒާހަރާތަކަކީ އިޒްރޭލުން މިދިޔަ ޖޫން މަހު އީރާނާ ދެކޮޅަށް ކުރި  12 ދުވަހުގެ ހަނގުރާމައަށްފަހު އީރާންގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ، 86، ގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *