މެދުއިރުމަތީގައި އުފެދުނު އެންމެ ވަރުގަދަ އިސްލާމީ ލީޑަރުން އެމެރިކާއިން އަވަހާރަކޮށްލައި، ސުލްހައިގެ ނަމުގައި މަކަރުވެރި ރޭވުންތަކެއް

މިޞްރުގެ ރައީސް މުޙައްމަދު މުރުސީ 2019 ގައި އަވަހާރަކޮށްލީ ޖަލުގައެވެ. ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން 2006 ގައި އަވަހާރަކޮށްލީ ދަންޖައްސައިގެންނެވެ. ލީބިޔާގެ ލީޑަރ މުޢައްމަރުލްޤައްޛާފީ 2011 ގައި އަވަހާރަކޮށްލީ ތަޅައިފޮޅައިގެންނެވެ. އީރާނުގެ އިމާމް ޢަލީޚާމަނާއީ ޝަހީދުކޮށްލީ، އެނބުރިކާއާއި އިސްރަހެލުން 200 ޖެޓް ފޮނުވައި 30 ބޮން އަޅައިގެންނެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިންނާއި މުސްލިމް ލީޑަރުން އަވަހާރަކޮށް، އެ ތަންތާނގެ ވެރިކަން ބަދަލުކުރުމުގެ ސިލްސިލާ ދަނީ ކުރިޔަށެވެ. ޤާތިލުންގެ ފަހަތުގައި ތިބެ، ސާބަސްދީ، އަތްޖަހައި ފޯރިދެނީ މުސްލިމުންގެ ނަމުގައި ތިބި ބައެކެވެ. ޔަހޫދީންނާއި ނަޞާރާއިންނާއި ގުޅިލާމެހިގެންތިބި ފިނޑިބައެކެވެ. މުއްސަނދި ޢަރަބި ޤައުމުތަކުގެ ވެރިންގެ ގޮތުގައި ތިބެ މަޖާކުރާ ބައެކެވެ.
މި ދެންނެވި 4 ލީޑަރުންނަކީ ވެސް މިތިބަމީހުންހެން، ކާފަރުންނާ ގުޅިގެން، ވެރިކަމުގައި ދުނިއުމުރަށް ތިބުމުގެ ފުރުޞަތު ލިބުނު ބޭފުޅުންނެވެ. ނަމަވެސް އެ ބޭފުޅުން އެގޮތެއް ގަބޫލުފުޅެއް ނުކުރެއްވި އެވެ. [ބޯކަނޑައިލިޔަސް ބޯގުދުކުރާކަށް] ބޭނުންފުޅެއް ނުވިއެވެ. ބޭނުންފުޅުވީ އުއްމަތުގެ ލޯތްބާއި، ތާރީޚުގެ ރަންވަނަތައް ޙާޞިލުކުރައްވައިގެން، ﷲ ގެ ޙަޟްރަތަށް ވަޑައިގަތުމަށެވެ.
28 ފެބްރުއަރީ 2026 ގައި ޝަހީދުވި ޢަލީޚާމަނާއީ އަށް ވެސް ދިރިހުންނެވުމާއި މަރުވުމުގެ އިޚްތިޔާރު ލިބިވަޑައިގަތެވެ. އެ މަނިކުފާނު އިޚްތިޔާރު ކުރެއްވީ [ޤިޔާމަތާޖެހެންދެން ދިރިހުންނަވާށެވެ.] މަރުވެ ބަރްޒަޚްގެ ޢާލަމުގައި އޮންނަވާކަށެއް ނޫނެވެ. ދަރިކަނބަލުންގެ ޢާއިލާއާއެކު ގެކޮޅުގައި ހުންނެވީ އެހެންވެ އެވެ. މިހާރު ﷲ ގެ ޙަޟްރަތުގައި އެ ހުންނެވީވެސް އެ ޢާއިލާއާއެކުގައެވެ.
އިމާމް ޚާމަނާއީ ހިމެނެނީ އުއްމަތުގެޙައްޤުގައި ޝަހީދުވި ބަޠަލެއްގެ ގޮތުގައެވެ. ކާފަރުންގެ ކުރިމަތީގައި [ބޯލަނބައިނުލި] ހިތްވަރުގަދަ ފަހުލަވާނެއްގެ ގޮތުގައެވެ. އައު ޓެކްނޯލޮޖީއާއި އީޖާދީ އިންޤިލާބެއް ގެންނަވައި މުސްލިމް އުއްމަތުގެ އެންމެ ޢިލްމީ، އެންމެ ހުނަރުވެރި އެންމެ ހިތްވަރުގަދަ ޤައުމަކީ އީރާން ކަމުގައި ހެއްދެވި މަތިވެރި ޤާއިދެއްގެ ގޮތުގައެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލީޑަރުން ދުނިޔެއަށް ސާބިތުކޮށްދިން އެކައްޗަކީ، ކުރިއެރުމަކީ އަމިއްލަވަންތަކަން ކަމެވެ. މިނިވަންކަމަކީ، އަމިއްލަ ދެފައިމަތީގައި ކޮޅަށްތެދުވުމުގެ ގާބިލުކަން ކަމެވެ. ދިފާޢަކީ ދިމާއެނދުގައި ތިމާ ނިދަން އޮވެގެން އެހެންބަޔަކަށް ކުލިދީގެން ހޯދޭނެ އެއްޗެއް ނޫންކަމާއި، އެއީ ތިމާގެ އަތުގައި ތިމާ އުފައްދާ ތިމާގެ އަމިއްލަ ހަތިޔާރުހުރުން ކަމެވެ.
ތާރީޚަށް ބަލާއިރު، ވެރިންނަކީ ނުހަނު ގިނަ ބައެއް ކަމާއި، ނަމަވެސް ލީޑަރުންނަކީ ދާދި މަދުބައެއް ކަން ފާހަގަ ކުރެވެއެވެ. ޔަހޫދީންނާއި ނަޞާރާއިންނާ ގުޅިގެން، މުސްލިމް އުއްމަތުގެ މުޤައްދަސް ތަރިކަތައް އެ މީހުންނަށް ހަމަހިލޭ ހަދިޔާކޮށްގެން އެ ތިބީ ވެސް ފިނޑި ވެރިންތަކެކެވެ. ފޮޑިރެކިފުތު ޕޯޑިޔަމްކައިރީގައިހުރެ [ޖޯނީ! ސްޓޭންޑް އަޕް، ޖޯނީ] އޭ ބުނީމައި ކޮޅަށްތެދުވަނީ، [ޚާއިނުލްޙަރަމައިނި] އަކަށް ވާންއުޅޭ ނަޖިދުކަލޭގެ އެވެ. ހެއްވާ، މަޖާ، ޖޯކު މަންޒަރެކެވެ. އެމަންޒަރުވެސް ދުށީމެވެ.
މުސްލިމުންނަކީ ކާފަރުންގެ ދާވަނީގައި އެލިގެން، ކާފަރުންގެ ތައްޕާހުގައި ހިނގަންޖެހޭ ބައެއް ކަމަކަށް، ޙަޤީޤީ މުސްލިމަކު ޤަބޫލެއް ނުކުރާނެ އެވެ. މުސްލިމުން ވާންޖެހޭނީ، އެންމެ ޢިލްމުވެރި، އެންމެ ހުނަރުވެރި، އެންމެ އުފެއްދުންތެރި، އެންމެ ވިސްނުންތެރި މީހުންނަށެވެ. ބަޔަކު ޖަހާހައިބެރަކަށް ނަށަމުން، ބަޔަކު ދޭހައިއެއްޗެއް ކަމުން، ބަޔަކު [އެޅިހައިބަތަކަށް ރިހަ] ވެގެނެއް ނުއުޅޭނެއެވެ.
– މުޙައްމަދ ނަސީރު ޢަލީ-

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *