ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުން ނިންމައި، އެ ބަދަލަށް އަމަލުކުރަން ފަށައިފި އެވެ.

މި ދެ މުއައްސަސާގެ ހުރިހާ ދާއިމީ މުވައްޒަފުންނާއި އޮފިސަރުން ހިމެނޭހެން މުސާރައަށް ގެނައި މި ބަދަލަކީ މި ހިނގާ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިނގާނެ ބަދަލެއް ކަމަށް ވަނީ ކަނޑައަޅާފަ  އެވެ.

މި އިސްލާހަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް ޕޭ ފްރޭމްވޯކް" ގެ ދަށުން ގެނައި ބަދަލެކެވެ. މިއަހަރަށް ދައުލަތުން ފާސްކުރި ބަޖެޓުގައި މުސާރަތައް ހާމަނައިޒް ކުރުމަށް ނުވަތަ އެއްހަމަކުރުމަށް ކަނޑައަޅާފައިވާ 1.6 ބިލިއަން ރުފިޔާގެ ތެރެއިން މި ދެ މުއައްސަސާގެ މުސާރަ ބޮޑުކުރުމަށް ވަނީ ބަޖެޓު ހަމަޖައްސާފަ އެވެ. މިއަހަރަށް ފާސްކުރި ބަޖެޓުގައި މުޅި ޖުމުލަ މުސާރައަށް ހަރަދުވާނެކަމަށް ލަފާކޮށްފައި އޮތީ 17 ބިލިއަން ރުފިޔާ އެވެ.

ކަރެކްޝަންސްގެ މުވައްޒަފުންނަށް މިއީ ވަރަށް ތާރީޚީ ބަދަލެކެވެ. އެގޮތުން އެ މުއައްސަސާގެ މުސާރައަށް މިފަދަ ބޮޑު ބަދަލެއް މި އައީ ގާތްގަނޑަކަށް 11 އަހަރަށްފަހު އެވެ. އެންމެ ފަހުން ކަރެކްޝަންސްގެ މުސާރައަށް ބަދަލެއް ގެނެސްފައިވަނީ 2015 ވަނަ އަހަރުގަ އެވެ.

ސަރުކާރުން ދަނީ ދައުލަތުގެ އެކި ދާއިރާތަކުގެ މުސާރައިގެ ފަރަގުތައް ކުޑަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ސިވިލް ސާވިސްގެ އިތުރުން ދައުލަތުގެ އެހެން ބައެއް މުއައްސަސާތަކުގެ މުސާރަތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *