ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުގައި ބިލިއަނަރު ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި

ވ. ފެލިދޫ ކައިރިން ދަތުރު ކުރަނިކޮށް އިއްޔެ ރޭ ދަންވަރު ބަންޑުން ޖަހާލި ލޯންޗުގައި އިންޑިއާގެ ރޭމަންޑް ގުރޫޕްގެ ޗެއާމަން އަދި ބިލިއަނަރު، ގޯތަމް ސިންގްހާނިއާ ވެސް ދަތުރުކުރި ކަމަށާއި އޭނާއަށް ވެސް ފަރުވާދޭން ޖެހުނު ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ ދެ މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ. އެ ލޯންޗުގައި ހަތް މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނެކެވެ.

މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި މީހުންގެ ތެރޭގައި ބިލިއަނަރު ގޯތަމް ވެސް ހިމެނެއެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށްފަހު، ހެޔޮ ހާލުގައި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އޭނާގެ ތަރުޖަމާނު އިންޑިއާގެ ނޫސްތަކަށް ބުނެފައިވަނީ ގޯތަމްއަށް ލިބުނީ ކުދި އަނިޔާތަކެއް ކަމަށެވެ.

މީގެއިތުރުން އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގް ހިމެނޭ ކަމަށްވެއެވެ.

ބަންޑުން ޖަހާލި ލޯންޗަކީ ބިލިއަނަރު ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ. އަދި ގޯތަމް މިހާރު ހުރީ މުމްބާއީގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *