އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޝަރުތުކޮށް، އެ ގައުމަށް ހަމަލާދިނުން މެދުކަނޑާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން އީރާނުން އެގޮތަށް އެބަސްވެއްޖެ އެވެ.
އީރާން މުޅިން ނެތިކޮށްލާނެކަމުގެ ބިރުދެއްކި އިންޒާރުގައި ދިން މުހުލަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށް ޓްރަމްޕް ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ވިދާޅުވީ އީރާނަށް ބޮން އެޅުން ދެ ހަފްތާއަށް ހުއްޓާލަން އެއްބަސްވާ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މިއީ ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމެކެވެ.
ޓްރަމްޕް ވިދާޅުވީ ޝަރުތެއްގެ ގޮތުން، އީރާނުން ވަގުތުން ހޮރްމޫޒް ހުޅުވާލަން އެއްބަސްވާން ޖެހޭނެ ކަމަށެވެ.
ދައުރުގައިވާ ގޮތުގައި ޓްރަމްޕްގެ އެއްބަސްވުން ހާމަކުރެއްވުމާ އެކު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޖީ ވަނީ އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އެ ގައުމުގެ ހަމަލާތައް ވެސް މެދުކަނޑާލާނެކަން އިއުލާންކުރައްވައިފަ އެވެ.
އަދި ދެ ހަފްތާގެ މުއްދަތަކަށް ހޮރްމޫޒް ކަނޑުއޮޅިން އަމާންކަމާ އެކު ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަރަގްޖީ ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ އީރާނުގެ ސިފައިންގެ ބައިވެރިވުމާ އެކު އަދި "ޓެކްނިކަލް ދަތިތަކަށް" ބަލައިގެން ކަމަށެވެ.
ޕާކިސްތާނުން އަންނަނީ އީރާނާއި އެމެރިކާ-އިޒްރޭލާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މެދުވެރިއެއްގެ ބައި އަދާކުރަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިގޮތުގައި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން "އަވަސް ކުރިމަގެއްގައި އެކަށީގެންވާ ނަތީޖާތަކެއް ނެރެވެމުގެ ފުރުސަތު" އެބައޮތެވެ.
އީރާނުން ބުނީ ސުލްހައިގެ މަޝްވަރާތައް ހުކުރު ދުވަހު އިސްލާމްއާބާދުގައި ފަށާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި:
-
ހަމަލާތައް މެދުކަނޑާލަން ނިންމީ އެމެރިކާގެ "ހުރިހާ އަސްކަރީ މަގުސަދުތަކެއް ހާސިލްކުރެވި އެއަށް ވުރެ އިތުރު ވެސް ވެފައިވާތީ" އާއި އީރާނާ އެކު ދިގު ރާސްތާގެ ސުލްހައަކަށް ދިޔުމުގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ދުރަށް ގޮސްފައިވާތީ
-
އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލަށް 10 ކަމެއް ހިމެނޭ ޕްލޭނެއް ހުށަހަޅާފައި
ޓްރަމްޕް މީގެ ކުރިން ވެސް ވަނީ ތަކުރާރުކޮށް އީރާނަށް އިންޒާރުތައް ދެއްވުމަށް ފަހު އަމާންދެއްވައިފަ އެވެ.


