އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަޕޯ ހޮވައިފި

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންއަކަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ހޮވައިފިއެވެ.

ގަޕޯ ޕާޓިގެ ވަގުތީ ޗެއާއަކަށް ހޮވީ މިހާރު ކުރިޔަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. ގަޕޯ އެ މަގާމަށް އިންތިހާބު ކުރަން ގައުމީ މަޖިލީހުގެ 65 މެމްބަރުން ވަނީ ވޯޓް ދީފައެވެ.

ރައީސް ސާލިހްގެ ފެކްޝަނުން ހުށައެޅި ގަޕޯއަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. އަދި މިރޭގެ ގައުމީ މަޖިލީހުގައި ބައިވެރިވި ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ މެމްބަރުން ވެސް ވަނީ ގަފޫރަށް ވަގުތީ ޗެއާއަކަށް ހޮވަން ވޯޓް ދީފައެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވަން މިދިޔަ މަހުގެ 30 ގައި ވެސް ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް އެ ޖަލްސާ ހޫނުވެ ވޯޓުގެ ނަތީޖާ އިއުލާންނުކޮށް ޖަލްސާ ނިންމާލިއެވެ. އެހެންވެ މިރޭގެ ގައުމީ ޖަލްސާ ފެށީ އެރޭ ހުއްޓާލި ހިސާބުންނެވެ.

މީގެ ކުރިން ބޭއްވި ގައުމީ މަޖިިލީހުގައި ކަން ހިނގިގޮތް ކަމަށް ބުނެ ނެރުނު ރިޕޯޓްގައި ބުނީ އެރޭގެ ވޯޓުން އަބްދު ﷲ ވަހީދު ވަގުތީ ޗެއާޕާސަންކަމަށް ހޮވުނު ކަމަށެވެ.

މިރޭ ޖަލްސާއަށް ގޮވާލުމުގެ ކުރިން އޭރު ވަގުތީ ޗެއާޕާސަންއަކަށް ނަން ހުށައެޅި މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދު ﷲ ވަހީދު ވަނީ ނަން އަނބުރާ ނަގާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *