މައްސަލަ ބަލާ ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ޕޮލިސް އެޕްލިކޭޝަނަށް

މައްސަލަތަކުގެ އެންމެ ފަހުމުގެ މައުލޫމާތު ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރާ ސީދާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ޕޮލިސް އެޕްލިކޭޝަން ”ޕޮލިސް އެމްވީ“ އަށް ތައާރަފު ކޮށްފި އެވެ.

މިއަދު ވަނީ ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި، މަސައްކަތްތަކުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ އާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް އިފްތިތާހު ކޮށްފަ އެވެ. މި ކަންކަން އިތްތިހާކޮށްފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ”ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025“ އިވެންޓްގަ އެވެ.

މި އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަން ވަނީ އިފްތިތާހު ކޮށްފަ އެވެ. އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު އެވެ. އަދި ސައިބަރ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.

ޕޮލިސް އެޕްލިކޭޝަންގެ ފީޗަރސްތަކަށް ބަލާއިރު، މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތު ކުރެވޭނެ ނިޒާމެއް ވަނީ ތައާރަފުކޮށްފަ އެވެ. އެޕްލިކޭޝަންގައި ހިމެނޭ އެހެން ފީޗަރސްތަކަކީ ސްކޭމް ޗެކްކުރެވުމާއި، އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި، މައްސަލަ ރިޕޯޓްކުރުމާއި، އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗަރސްތައް ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ، މިއަދު އިފްތިތާހުކުރި ސައިބަރ ޕޯޓަލްއަކީ މުޖުތަމައުގައި ހިންގާ ސައިބަރ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާރޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ކިނާނަތު އެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުހައްމަދު ފަސީހުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ އެކި ބައިތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *