އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ސިޓީތަކަށް ޖުމްލަ 52 ކައުންސިލަރުން، ރަށްތަކަށް 629 ކައުންސިލަރުން އިންތިހާބު ކުރަންޖެހޭ ކަމަށް ހިމަނައިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު އާންމު ކުރި ރިޕޯޓްގައިވާ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179 އެވެ. ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47 އެވެ.
މި ރިޕޯޓްގައިވާ ގޮތުން ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 629 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 52 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.
މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުން، އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ނުވަތަ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށެވެ.


