ދުވާފަރު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ރ. ދުވާފަރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ދުވާފަރުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މިމަޝްރޫޢު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ޤާއިމުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ސިޔާސަތުގެ ދަށުން ރަށްރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އިތުރަށް ގާތުން ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *