ހަމައެކަނި މިމަހު ވެސް 52 މަސާޖު ޕާލާ ބަންދު ކުރެވިއްޖެ: ރައީސް

ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު މަސާޖު ޕާލާތައް ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ހަމައެކަނި މިމަހު ވެސް 52 މަސާޖް ޕާލާ ބަންދުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ގަލޮޅު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އިމާދުއްދީން ސްކޫލުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޮންނަ އުޞޫލުގެ ތެރެއިން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ތަންތަން ބަލައި ފާސްކޮށް ބަންދު ކުރެވުނު ތަންތަނުގެ ތެރެއިން 24 ތަނަކީ މި އޮޕަރޭޝަންގެ ތެރެއިން ބަންދުކުރެވުނު ތަންތަންކަމަށެވެ. އަދި މި އޮޕަރޭޝަންތައް ކުރިއަށް ގެންދާތީ އެފަދަ ވިޔަފާރިތައް ކުރާ ފަރާތްތަކުން އަމިއްލައަށް 28 ތަނެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މަސައްކަތް މިމަހުގެ 9ވަނަ ދުވަހު ފެށީ. މިއަދާހަމައަށް 52 މަސާޖްޕާލާ ބަންދުވެއްޖެ. ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިހާ ފާމްކޮށް މި މަސައްކަތަށް ރައްޔިތުން ދެއްވި ޚިޔާލާއެކު ކުރަން ފެށުމުން އޭގެ ނަތީޖާ ރަނގަޅު. މިކަން ކޮންޓިނިއު ކުރާނެ. ރެޔާ ދުވާލު،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިދަފަ ވިޔަފާރިތަކުން ނުޤަވައިދުން އިޅޭ 10 ވަރަކަށް ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށާއި އޮންނަ އުޞޫލުން އެ ފަރާތްތައް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި މަސާޖް ޕާލާތަކުގެ މައްސަލައަކީ މުޅި މާލެއަށް ވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށާއި މާލޭގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން އެދަފަ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކުގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *