ޗުއްޓީ ހޭދަކޮށްލުމަށް މެސީ އާއި ބެސްޓްފުރެންޑު ސުއަރޭޒް ރާއްޖެ އަތުވެއްޖެ

ރެކޯޑު އަދަދަކަށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިއޮނެލް މެސީ އާއި އޭނާގެ ގާތް އެކުވެރިޔާ ލުއިސް ސުއަރޭޒް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު 02:30 ހާއިރު މެސީ އާއި ސުއަރޭޒް ރާއްޖެ އައިސްފައިވާއިރު އެ ކުޅުންތެރިން ޗުއްޓީ ހޭދަކުރަމުންދަނީ މާލެ އަތޮޅުގައި އޮންނަ ވަލްޑޯފް އެސްޓޯރިއާ ރިސޯޓުގަ އެވެ. މި ރިސޯޓަކީ މީގެ ކުރިންވެސް ދުނިޔޭގެ މަޝްހޫރު ގިނަ ސެލެބިރިޓީން ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވާ ރިސޯޓެކެވެ.

މެސީ ރާއްޖެ އައުމުގެ ކުރިން އޭނާ ވަނީ އިންޑިއާގައި އޭނާ އަށް ހާއްސަކުރި ޓުއާއެއްގައި ބައިވެފަ އެވެ. މި ޓުއާ އަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު އޭނާ ވަނީ އެ ގައުމުގެ ހަތަރު ސިޓީ އަކަށް ޒިޔާރަތްކޮށްފަ އެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް އެތައްހާސް ބަޔަކު ދަނޑުތަކަށް އެއްވެފައިވެ އެވެ.

މެސީ ފަދަ ކުޅުންތެރިން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަންނަނީ ރާއްޖޭގެ ރީތި ގޮޑުދޮށް ތަކާއި ހިތްގައިމު މާހައުލު ތަޖުރިބާކޮށްލުމަށެވެ. މީގެ ކުރިން ރޮނާލްޑޯ ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފައިވެ އެވެ. މިފަދަ ސެލެބިރިޓީތައް ރާއްޖެ އައުމުން އެ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް ރިސޯޓުތަކުން ދޭނެ އެވެ.

ސުއަރޭޒް އާއި މެސީ މިވަގުތު ކުޅެނީ އެމެރިކާގެ އިންޓަ މިއާމީ އަށެވެ. އެ ކުލަބު ދާދި ފަހުން ވަނީ ފުރަތަމަ ފަހަރަށް އެމްއެލްއެސް ކަޕު ކާމިޔާބުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *