ވައުދުވި ގޮތަށް ހިޔާގެ ކުލި ކުޑަކޮށްދޭނަން: ރައީސް

ރިޔާސީ ކެމްެޕެއިން ތެރޭ ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރިޔާސީ ވައުދަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާގެ ކުލީގެ ގޮތުގައި ކަނޑައެޅި އަގު ކަމުގައިވާ 5،600ރ.އަށް ހެދުމެވެ. ރައީސް މުއިއްޒު ވެރިމަކަމަށް ވަޑައިގެން ޑިސެމްބަރު 2023އިން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގެ ކުލި 3،984 އަކަށް ކުޑަކޮށްދީފައިވެ އެވެ. އެ މުއްދަތުގެ ފަހުން ދައްކާނެ އަދަދެއް ސީދާ ސާފެއް ނޫނެވެ.

ހިޔާގެ ކުއްޔާ ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަ ދެއްކެވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ސަލާހުއްދީން ސްކޫޅްގައި ބޭއްވި އެ ބައްދަލުވުމުގައި ހިޔާގެ ބައެއް ރަށްވެހިން ވަނީ ކުލި ބޮޑު ކަމުގެ ޝަކުވާކޮށްފަ އެވެ. އަދި މިހާރު ކުލި ކުޑަކޮށްފައިވާ ގޮތުން ހަތް އަހަރު ފަހުން ކުލި ބޮޑުވާތީވެ އެކަން ފާހަގަކޮށްފައިވެ އެވެ.

"[ހިޔާގެ] ކުލީގެ ގޮތުގައި ދެއްކެވި ވާހަކަތަކަށް އަޅުގަނޑު ވަރަށް ސީރިއަސް ގޮތެއްގައި ބަލާނަން. ކޮންމެ މަހަކު ވެސް އަޅުގަނޑު ވައުދުވެފައިވާ ވަރަށ [ކުލި] ދެއްކޭނެ ގޮތަށް އެގްރިމަންޓް ބަދަލުކޮށްދޭނަން. މިހާރު އޮތީ ތިޔަ ވިދާޅުވި ގޮތަށް ހަތް އަހަރަށް ދިޔައިމަ ބޮޑުވާ ގޮތަށް. އެ ނިޒާމު [ނުވަތަ] އެ ސިސްޓަމް ކަމަކު ނުދޭ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ތެރޭ ހިޔާގެ ރަށްވެހިންނަށް ރައީސް ވެވަޑައިގެންނެވި އަނެއް ވައުދަކީ، އެތަނުގެ ނިންމުމުގެ މަސައްކަތަށް އެމީހުންގެ އަތުން ދިޔަ ހަރަދުން 200،000ރ. އެމަނިކުފާނުގެ ސަރުކާރުގައި ދޭނެ ކަމަށް ވިދާޅުވުމެވެ.

"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ، އެވްރެޖްގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި، އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް [ޔާމީންގެ ސަރުކާރުގައި ނިންމި ގޮތަށް] އާބަންކޯ އިން ބެއާ ކުރާ ގޮތަށް [ފައިސާ ދައްކާ ގޮތަށް]، މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ [ފްލެޓް ވެެރިންނަށް] ދައްކާ ގޮތަށް ހަދާނަން،" 12 ސެޕްޓެމްބަރު 2023ގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓުް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *