އެކްސިޑެންޓްވެ ނޯރާއަށް ޝޮކެއްގައި، ހާލު ރަނގަޅު

މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތެހީގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގައިފައި ވަނީ އެދުވަހުގެ ތިނެއް ޖަހާކަށްހާއިރު ނޯރާ އިން ކާރުގައި އެހެން ކާރެއް ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ނޯރާގެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އޭނާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

އެކްސިޑެންޓަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ނޯރާ ބުނީ އޭނާއާ ކުރިމަތިވީ ވަރަށް ބިރުވެރި ހާދިސާއެއް ކަމަށާއި، އަދިވެސް ހުރީ ޝޮކެއްގައި ކަމަށެވެ. ނަމަވެސް ދުނިޔޭގައި ހުރުމުން އުފާކުރާ ކަމަށާއި، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެކްސިޑެންޓްގެ ތަފްސީލުތައް ހިއްސާކުރަމުން ނޯރާ ބުނީ ދެކާރު ޖެހުނު ވަގުތު އޭނާގެ ބޯ ޖެހުނީ ކާރު ދޮރުގެ ބިއްލޫރިގަނޑުގައި ކަމަށެވެ. ނަމަވެސް އެއީ ފުރާނައަށް ގެއްލުންވާވަރުގެ އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތް އެކްސިޑެންޓެއްކަން ވެސް ނޯރާ ފާހަގަކުރިއެވެ.

ނޯރާ ބުނީ އޭނާގެ ކާރުގައި އައިސް ޖެއްސި ކާރު ދުއްވީ މަސްތުގެ ހާލަތުގައި އިން މީހެއް ކަމަށެވެ. ހާއްސަކޮށް ދުވާލު ގަޑީގައި މަސްތުވެގެން ދުއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މަސްތުވާތަކެއްޗާ އޭނާ އެންމެ ބޮޑަށް ދެކޮޅު ހަދަނީ ވެސް މިފަދަ ހާދިސާތައް ހިނގާތީ ކަމަށް ވެސް ބުންޏެވެ.

އެކްސިޑެންޓްގައި އަނިޔާވި ނަމަވެސް، ނޯރާ ވަނީ ކޮންސަޓެއްގައި ޕާފޯމްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *