"ސުތިރާ" ނަމުގައި މިސްކިތްތަކުގައި އެކި ސިފަތަކުގެ ތަކެތި ބޭނުންކުރުން ސުންނަތާ ޚިލާފު: މިނިސްޓަރު

ސުތުރާ’ގެ ނަމުގައި މިސްކިތްތަކުގެ ތެރޭގައި އެކި ސިފަ ސިފައިގެ ތަކެތި ބޭނުން ކުރުމަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ.

މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެ ކަމަށެވެ.

”މިއީ ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއްނޫން. ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެ ކަމަށާއި އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށެވެ.

އަދި އެގޮތަށް ޢަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް އެކަން ބަދަލުވެގެންދާނެ ކަމަށްފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ގަމަތްދޭންވީމާ މިސްކިތުގެ ތެރޭގައި އެލާމްގެ އަޑުއިވުން ވެސް ހުއްޓުވަންޖެހޭކަމެއް. ގަމަތް ދިނުމުން އެވީ ސަފަށް އެތުރެން. ކޮންމެހެން އެލާމްގެ އަޑެއް އިވޭކަން ނުޖެހޭނެ. މިސްކިތުގެ ހައިބަތާއި މަތިވެރިކަން ދަމަހައްޓަންވާނެ.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށާއި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމާއި މިކަންކަމަކީ މިހާރަކަށް އައިސް ފެންނަކަންކަން ކަމަށެވެ.

ނަމަވެސް މިއީ ކޮންމެ ނަމާދެއް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން ކަމަށާއި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް ކަމަށެވެ. އަޅުކަމުގެ ކުރިން ހުވަނދުލުން ޞައްޙަ ކަމަށާއި ސުންނަތުން ސާބިތުވާ ދެ މަޤާމަކީ ޙައްޖާއި ޢުމްރާއަށް އިޙުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އެހެން ނޫނީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރު ލުމެއް ނޯވޭ ސުންނަތުގަ. ނަމަވެސް ކޮންމެހެން ވަކި ވަގުތަކާ ނުގުޅުވައި ދިރިއުޅުމުގައި ސާފުތާހިރުވުމާއި ޒީނަތުގެ ގޮތުން ހުވަނދުލުމަކީ ސުންނަތެއް.“ މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *