މަތިންދާ ބޯޓު ވެއްޓި ލީބިޔާގެ ސިފައިންގެ ވެރިޔާ އަވަހާރަވެއްޖެ

ލީބިޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް (ސިފައިންގެ ވެރިޔާ) ޖެނެރަލް މުހައްމަދު އަލީ އަހުމަދު އަލް ހައްދާދު ދަތުރުކުރެއްވި ޖެޓު ވެއްޓި، އެ މަނިކުފާނު އަވަހާރަވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ތުރުކީގެ އިންޓީރިއާ މިނިސްޓަރު އަލީ ޔެރްލިކާޔާ އެކްސްގައި ވިދާޅުވީ، ފެލްކަން 50 މަރުކާގެ އެ ޖެޓް އަންކާރާ އެއާޕޯޓުން ނައްޓާލިތާ 42 މިނެޓު ފަހުން ރާޑަރުން ގެއްލިފައިވާ ކަމަށެވެ. އެއީ އެ ގައުމުގެ ގަޑިން ރޭގަނޑު 20:52 ގަ އެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އަށް ދަތުރުކުރަމުންދިޔަ އެ ޖެޓު ރާޑަރުން ގެއްލުމުގެ ކުރިން، ކުއްލި ހާލަތުގައި ޖައްސަން އެދުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޯޓުގެ ބައިތައް ފެނިފައި ވަނީ އަންކާރާގެ ހުޅަނގު ދެކުނުން، ހައިމާނާ ޑިސްޓްރިކްޓްގެ ކެސިއްކަވަކް ނަމަކަށް ކިޔާ އަވަށު ކައިރިންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިހާރު ވަނީ ތަހުގީގެއް ފަށައިފަ އެވެ.

މި ބޯޓުގައި ޖެނެރަލް ހައްދާދުގެ އިތުރުން ލީބިޔާގެ އަސްކަރިއްޔާގެ އިސް ހަތަރު އޮފިޝަލަކު ތިއްބެވި އެވެ. އެ ބޭފުޅުން ތުރުކީ އަށް ވަޑައިގެން އުޅުއްވީ ދެ ގައުމުގެ އަސްކަރީ އަދި ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޝްވަރާތަކަށެވެ.

ލީބިޔާގެ ބޮޑުވަޒީރު އަބްދުުލް ހަމީދު ދްބެއިބާ ވަނީ، ޖެނެރަލް ހައްދާދާއި އަސްކަރީ ވަފުދު އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *