ސިނަމާލެ ބުރިޖު ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް ހަދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި ރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅުގެ ދަށުން ދެ ރޭސިން ޓްރެކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި ހަދާ ރޭސިން ޓްރެކެއް ކަމަށެވެ. މާލޭގައި ހަދާ ރޭސިން ޓްރެކްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކަށް މި ނިންމީ މާލެއިން ހުޅުމާލެއަށް ދާން މި އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން. އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ އެތަނުގައި ރޭސިން ޓްރެކެއް ގާއިމުކުރަން ކުރަން ޖެހޭ މަސައްކަތްކުރުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީހުން އުޅޭ ތަނެއްގައި ރޭސިން ޓްރެކް ހަދައިފިއްޔާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި މީގެ ކުރިން ހުޅުމާލޭގައި ރޭސިންއަށް ފުރުސަތު އޮތް އިރުގައި، އެކި ކަހަލަ އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށެވެ.
"އެހެންވީމާ މީހުން ނޫޅޭ ސަރަހައްދެއްގައި، އެހެންނަމަވެސް މާލެއާ އެއްފަސްކޮށް ބުރިޖަކުން ގުޅިފައި އޮންނަ ހިސާބެއްގައި ޓްރެކް ހަދަން ބަލާ އިރުގައި ހެދެން އޮތް އެންމެ ރަނގަޅު ތަނެއް ކަމަށް ޓެކްނިކަލް ލަފާ އޮތް ލޮކޭޝަނަކީ އެއީ. އެހެންވީމާ އެ މަސައްކަތް އެމްއޭސީއެލުން ދާދި އަވަހަށް ފަށާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އައްޑޫގައި ރޭސިން ޓްރެކް ހަދާނީ ބޭރުގެ އެހީއާއެކު ކަމަށާއި އެކަމަށް ފައިސާ ހޯދުމަށް މިހާރު އެދިފައިވާ ކަމަށެވެ. އަދި އެކަން ނިމުމުން އައްޑޫގެ ރޭސިން ޓްރެކްގެ މަސައްކަތް ފެށޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.


