އިސްރާއީލުގެ ގާނޫނު ހަދާ މަޖިލިހުން، ބޭރުގެ މީޑިއާތައް ބަންދުކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ "އަލްޖަޒީރާ ގާނޫނު" ދާއިމީކޮށް ދެމެހެއްޓުމަށް ފާސްކޮށްފިއެވެ. މި ނިންމުމާއެކު، ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނު ނުކޮށް އަދި ކޯޓު އަމުރަކާ ނުލައިވެސް ބޭރުގެ މީޑިއާ އައުޓްލެޓްތައް ބަންދުކުރުމުގެ ފުރުސަތު އިސްރާއީލު ސަރުކާރަށް މިހާރު ވަނީ ފަހިވެފައެވެ.
މި ބިލް ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ 22 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 10 މެންބަރަކު ވޯޓު ދީފައިވާއިރު، އޭގެ ތެރޭގައި އިދިކޮޅު ނުވަ އަރަބި މެންބަރުން ހިމެނެއެވެ. މި ގާނޫނަކީ މީގެ ކުރިން މެއި މަހު ގުދުސްގައާއި ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ބިންތަކުގައި ހުރި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރުމަށް ބޭނުންކުރި ގާނޫނެކެވެ.
އަލަށް ގެނެވުނު މި އިސްލާހުގެ ދަށުން، އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރަށް، ބޮޑުވަޒީރުގެ ހުއްދައާއެކު، މީޑިއާތައް ބަންދުކޮށްފައި ބެހެއްޓުމުގެ މުއްދަތު 2027 ވަނަ އަހަރާ ހަމައަށް އިތުރުކުރުމުގެ ބާރު ލިބިގެންވެއެވެ. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ގާނޫނު ދާއިމީކުރުމާ ގުޅިގެން، އިސްރާއީލުން ބޭރުގެ މީޑިއާތަކަށް ފޯރުވާ ނުފޫޒު އިތުރުވެ، ހާއްސަކޮށް ސަރަހައްދީ ހަމަނުޖެހުންތަކުގެ ހަބަރުތައް ރިޕޯޓްކުރުމުގައި މިނިވަން މީޑިއާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ.


