ނަމާދަށް އައުމަށް 25 އަހަރު ވަންދެން ގޮވާލެއްވި މަސްޖިދުލް ނަބަވީގެ މުއައްޒިން އަވަހާރަވެއްޖެ

ރަސޫލާ (ޞޢވ) ގެ މިސްކިތް ކަމަށްވާ އަލްމަސްޖިދުލް ނަބަވީގެ މުއައްޒިން (ނަމާދަށް ބަންގި ގޮވާ ފަރާތް) ޝެއިޚް ފައިސަލް ނޫމާން މި މަހުގެ 22 ވަނަ ދުވަހު އަވަހާރަވެއްޖެއެވެ.

ޝެއިޚް އަވަހާރަވީއިރު އެމަނިކުފާނު ވަނީ ނަމާދަށް އައުމަށް ދިގު 25 އަހަރުވަންދެން ގޮވާލައްވައި، މަސްޖިދުލް ނަބަވީގެ މުއައްޒިންކަން އަދާކޮށްފައެވެ.

އެމަނިކުފާނު އެ މަސައްކަތާ ހަވާލުވެލެއްވީ 2001 ވަނަ އަހަރުގައެވެ. ޝެއިޚް ފައިސަލް ބަންގި ގޮވާލައްވާއިރު، އަޑުގައި ހުންނަ އަސަރާއި ރީތި ގޮތުން އެތައް ބަޔަކު ވަނީ އެމަނިކުފާނަށް ތައުރީފު ކޮށްފައެވެ.

ޝެއިޚް ފައިސަލްގެ ޖަނާޒާ އިއްޔެގެ ފަތިސް ނަމާދަށްފަހު ވަނީ ބާއްވާފައެވެ. އަދި އެމަނިކުފާނު ފަސްދާނުލާފައިވަނީ އަލް-ބަގީ ސަހަރާގައެވެ. އަލް-ބަގީ ސަހަރާއަށް ދެވިފައިވާ ދެވަނަ ނަމަކީ ”ޖަންނަތުލް-ބަގީ“ (ސުވަރުގޭގެ ބަގީޗާ) އެވެ. މަދީނާގައި ހުންނަ އެ ސަހަރާއަކީ ކުރީގެ އެތައް އަސްޙާބުބޭކަލުންނާއި ރަސޫލާ (ޞޢވ) ގެ އަނބިއަނބިކަނބަލުންނާއި އަދި އާއިލާގެ ބޭފުޅުންވެސް ފަސްދާނުލެވިފައިވާ ސަހަރާއެވެ.

ޝެއިޚް ފައިސަލްގެ ކުރިން އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ މަސްޖިދުލް ނަބަވީގެ މުއައްޒިންކަން އަދާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ބައްޕާފުޅުގެ އުމުރުން 14 އަހަރުގައި އެ މަގާމާ ހަވާލުވެލެއްވިއެވެ. އަދި ކާފާފުޅުވެސް ވަނީ އެ މަގާމު އޭގެ ކުރިން އަދާކޮށްފައެވެ.

ޝެއިޚް ފައިސަލް ނޫމާންއަކީ އެތައް މުސްލިމުންނެއްގެ އިހުތިރާމާއި ލޯބި ލިބިލެއްވި، ދީނަށް ހިދުމަތް ކުރެއްވުމުގައި އަބަދުވެސް ސާބިތުވެ ހުންނެވި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *