ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ޔާމީނުއާ އެކީ ސިޔާސީ މަސައްކަތްކުރަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެއްޖެ

ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެކު މަސައްކަތް ކުރަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް ކުރިން ރައީސްކަން ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި އެ ނޫން ވެސް ހިޔާލުތަފާތުވެފައިވާ ކަންކަމުގައި ވާހަކަ ދައްކަވަން ސޯލިހާއި ނަޝީދު މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕާޓީގެ ބައެއް ކަންތައްތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ސޯލިހު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމުގައި އެމްޑީޕީއިން ކުރާ މަސައްކަތްތަކުގައި އެމަނިކުފާނާއި ނަޝީދުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް، އިތުރު މަސައްކަތްތަކެއް ވެސް ކުރަން ނިންމާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި އިތުރަށް އަޅުގަނޑުމެންނާ އެކީ މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި. އެއީ މިސާލަކަށް އަޅުގަނނޑުމެން ނޫނަސް ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން އެބަތިއްބެވި. އެ ބޭފުޅުންނާ އެކީ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހުގެ އެ ވާހަކައާ ގުޅިގެން އެ ބައްދަލުވުމުގައި 'ދައުރު’އިން އަމާޒުކުރި އެއް ސުވާލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް އެމްޑީޕީއިން ގެންގުޅޭތޯ އެވެ.

"ޔާމީންއާ އެކީގައި ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

"ރައީސް މައުމޫންގެ އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން ނޫންތޯ،" ސޯލިހުގެ ވާހަކަފުޅަށް ތާއީދުކުރައްވައި، ނަޝީދު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މިހާރު ގައުމުގެ ހާލަތު އޮތް ގޮތުން، ކުރަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި ކަމަށެވެ. އަދި "އެކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އެދޭ ކަމެއް" ކަމަށް ސޯލިހު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *