ސައިބަރ ކުށްތައް ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް އެކުލަވާލަނީ

ރާއްޖޭގައި އިތުރުވަމުން އަންނަ ސައިބަރ ކުށްތައް މަދުކުރުމަށްޓަކައި އަންނަ އަހަރު ސައިބަރ ސެކިއުރިޓީއާއި ގުޅޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އޮންލައިން ޕްލެޓްފޯމްތަކުގައި ހިންގަމުންދާ ކުށްތައް ހުއްޓުވުމަށް ކުރިއަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގައި ސައިބަރ ކުށްތައް އިތުރުވުމުގެ މައްސަލަވެފައިވަނީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމަކަށެވެ. އެގޮތުން އެކި ބާވަތުގެ ސްކޭމްތަކުގައި ގިނަ ޢަދަދެއްގެ ފައިސާ ފޭރުމާއި، އޮންލައިން އެކި ޕްލެޓްފޯމްތަކުގައި ހަނގާކުރުމާއި ފޮށުމާއި އެނޫންވެސް ނޭދެވޭ އެތައް ޢަމަލެއް ހިންގަމުންދާކަމުގެ ޝަކުވާވެސް ދުވަހުން ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

ރައީސް މުޢިއްޒު ރޭގައި ޒުވާނުންނާއެކު ބޭއްވި ކޮފީ ވިތް ޕްރެޒިޑެންޓް“ގައިވެސް ޒުވާނުންވަނީ މިކަންބޮޑުވުން ހިއްސާކުރައްވާފައެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސައިބަރ ކުށް މަދުކުރުމަށްޓަކައި އަންނަ އަހަރު މުހިންމު ގިނަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”ސައިބަރ ސެކިއުރިޓީއާއި ގުޅޭގޮތުން ޤާނޫނީގޮތުންވެސް މާބޮޑުވެސް ރައްކާތެރިކަމެއް ނެތް އަދިއެއް މިކަމުގައި. އަޅުގަނޑުމެން މިހާރު މިއުޅެނީ ސައިބަރ ސެކިއުރިޓީ އެކްޓެއް ގެންނަންވެގެން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ޤާއިމުކުރެވުނު ނޭޝަނަލް ސަރިބަރ ސެކިއުރިޓީ އޭޖެންސީ (އެންސީއެސްއޭ) އެންމެ ރަނގަޅަށް ހިންގައިގަންނާނީ މިޤާނޫނު ވުޖޫދު ކުރެވުމުން ކަމަށެވެ. އަދި ސައިބަރ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ޤާއިމުކުރުން އަދި ސައިބަރ ކްރައިމްއާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *