ލޯބީގެ ގޮތުން ގުޅުމެއް އުފައްދައިގެން މި އަހަރު 16 ސްކޭމެއެއް ކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް ޝާމް މުހައްމަދު ވިދާޅުވީ، މިދިޔަ 10 މަހުގެ ތެރޭގައި، 1،663 ސްކޭމްގެ މައްސަލަ އެ ސެންޓަރަށް ހުށަހެޅި ކަމަށެވެ.
އޭގެ ތެރޭގައި، ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން 16 ސްކޭމެއް ހިންގި ކަމަށެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުގައި 12 ބާވަތެއް ފުލުހުންނަށް ވަަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ފޭސްބުކް މާކެޓް ޕްލޭސްގެ ސްކޭމް ކޮށްގެން 763 މައްސަލަ
- ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ 340
- ކާކު ކަން ނޭނގޭ ގޮތަށް އިމްޕާސަނޭޓުކުރި 242 ސްކޭމް ކުރި
- ގުޅައިގެން 95 މައްސަލަ
- އިންވެސްޓުމަންޓް ސްކޭމްގެ 55 މައްސަލަ
- ލިންކު މެދުވެރިކޮށް 37 ސްކޭމެއް
- ލޯބީގެ ގުޅުމެއް އުފައްދައިގެން 16 ސްކޭމް
- ވަޒީފާގެ ފުރުސަތު އޮފާކޮށްގެން 4 ސްކޭމް
- އައިޑެންޓިޓީ ސްކޭމްގެ 4 މައްސަލަ
- ބިޒްނަސް އީމެއިލްގެ ކޮމްޕްރޮމައިޒްގެ ސްކޭމެއް
ޝާމް ވިދާޅުވީ، އެ މައްސަލަތަކުގައި 22.7 މިލިއަން ރުފިޔާ ގެއްލުނު އިރު، ހޯދިފައި ވަނީ، 8.5 މިލިއަން ރުފިޔާ ކަމަށެވެ. އެއީ، ގެއްލުނު ފައިސާގެ ނިސްބަތުން ބަލާނަމަ، 37 ޕަސެންޓް ކަމަށްވެސް ޝާމް ވިދާޅުވި އެވެ. އެގޮތުން، އެންޓި ސްކޭމް ސެންޓަރު ހެދުމުގެ ކުރިން ފުލުހުންނަށް ހޯދެނީ، ގެއްލޭ ފައިސާގެ ދެ ޕަސެންޓު ކަމަށެވެ.
ސްކޭމް ސެންޓަރުގެ ޚިދުމަތް ފެށި ފަހުން، 4،421 ފޯނު ކޯލަށް ޖަވާބު ދެވިފައިވާ ކަމަށެވެ. އެގޮތުން، މިދިޔަ ދިހަ މަހުގެ ތެރޭގައި ސްކޭމްގެ އެކި މައްސަލަތަކުގައި 48 ގަޑިއިރަށް 2،946 ބޭންކު އެކައުންޓު ފުލުހުން ފްރީޒް ކުރި ކަމަށާއި، އެ އެކައުންޓުތަކުގެ ތެރެއިން 754 އެކައުންޓު ކޯޓު އަމުރުގެ ދަށުން އިތުރު މުއްދަތަށް ފްރީޒް ކުރި ކަމަށްވެސް ޝާމް ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ، މިދިޔަ ދިހަ މަހުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުން ހަ މައްސަލައެއް ޕްރޮސެކިއުޓް ކުރެވުނު ކަމަށާއި 662 މައްސަލައަކަށް ހައްލު ހޯދައިދެވުނު ކަމަށެވެ


