އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގަ އެވެ. ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެ އެވެ.
ޕީއެންސީން މީގެ ކުރިން ބުނި ގޮތުގައި ޕްރައިމަރީގައި 94 ދާއިރާއަކުން 308 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފުތަރު ދައްކާ ގޮތުން ޕީއެންސީއަކީ އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. އެ ޕާޓީގައި 68،665 މެންބަރުން ތިބި ކަމަށް އީސީން ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.


