ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ، ކޭ ޕާކްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
އެ މައްސަލާގައި ދެން ދައުވާލިބުނު ރ. އަލިފުށީ ކިނާރާ ޖައިޝާން ސައީދުގެ މައްޗަށް 95 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ޓެކުމުގެ 20 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 27 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 47 ދައުވާ އާއި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ އެއް ދައުވާ އެވެ.
މަންޑޭގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން މިއަދު ސާބިތުވާ ކަމަށް ނިންމީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި ޓެކުމުގެ 46 ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އެވެ.
ބާކީ ހުރި ދައުވާތަކާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.
ހުކުމް އިއްވަވަމުން އެއް އެޕާޓްމެންޓެއް އެކި މީހުންނަށް ވިއްކައި، އެ މީހުންގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ފްލެޓްތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ސޮއިކުރީ މަންޑޭ ކަމަށާއި އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރީ ޖައިޝާން ކަމަށްވާތީ އެއީ އެނގި ތިބެ، ގަސްދުގައި ކުރި ކަމެއް ކަމަށް ގާޒީ ވިދާޅުވި އެވެ.
ފައިސާ ނެގުމަށްފަހު އެ ފައިސާ އަމިއްލަ ކަންކަމަށް މަންޑޭ ބޭނުން ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެޕާޓްމެންޓްތައް ނިންމައި، ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލު ކޮށްފައި ނުވާތީ ޓެކުމުގެ ދައުވާތައް މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ކުށްކޮށްގެން ހޯދި ފައިސާތައް މަންޑޭ އަމިއްލަ ބޭނުމަށް ބޭނުންކޮށް، އެ ފައިސާއިން ހުޅުމާލެއިން ފްލެޓްތަކެއް ވެސް މަންޑޭ ގަނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާތީ އާއި އެ ފައިސާ ބޭނުން ކޮށްގެންގެން ގަނެފައިވާ އެ އެޕާޓްމެންޓް ވެސް ދައުލަތަށް ނެގުމަށް ގާޒީ ނަދީމް އަމުރު ކުރެއްވި އެވެ.
ޖައިޝާންގެ މައްޗަށް ސާބިތުވީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާ އާއި ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާ އެވެ. އަދި މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާ ވެސް ޖައިޝާންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމި އެވެ.


