ގެވެށި އަނިޔާ ލިބޭ މީހުންނަށް ހާއްސަ ފެސިލިޓީތައް ހަދަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ގެވެށި އަނިޔާ ލިބޭ މީހުންނަށް ވަގުތީ ހިޔާވަހިކަން ދޭން ހާއްސަ ފެސިލިޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވިލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ގެވެށި އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީން ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭ ވަރު އަވަސް ކުރުން ކަމަށެވެ.

އޭގެތެރެއިން އެފަދަ އާއިލާތައް އަވަސްވީގޮތެއްގައި ރައްކާތެރި މާހައުލަކަށް ބަދަލުކުރުމުގައި މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ތަންތަން ނެތުން ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެފަދަ އާއިލާތަކަށް ނުވަތަ މީހުންނަށް ވަގުތީ ހިޔާވަހިކަމެއް ދިނުމަށް ހާއްސަކޮށް ފެސިލިޓީތަކެއް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ

އެގޮތުން ވިދާޅުވީ:

  • އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރާ ތަނުގެ މަސައްކަތް މިހާރު އޮތީ ފެށޭ ހިސާބުގައި 
  • ހުޅުމާލޭގައި ވެސް އެފަދަ އިިމާރާތެއް ތަރައްގީކުރާނެ؛ އެ މަސައްކަތަށް ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި
  • ރ. އުނގޫފާރުގައި ވެސް އެފަދަ އިމާރާތެއް ތަރައްގީކުރާނެ

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އެ މައްސަލައަކީ މުޅި މުޖަތަމުއު ގުޅިގެން ހައްލުކުރެވޭނެ މައްސަލައެއް ކަމަށް ދެކޭ ކަމަށާއި އެކަމަށް މުޖުތަމައުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، ރަށްރަށުގެ ކައުންސިލުތަކަށް ބާރުތަކެއްދީ ޒިންމާތަކެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި 'ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވައިދު’ގައި ވާގޮތުން، ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފި ނަމަ ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ރަށުތެރޭގައި ހިނގާ ކަމަށް މައުލޫމާތު ލިބިއްޖެ ނަމަ ވަގުތުން ފުލުހުންނަށް ހުށަހަޅައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *