އެމެރިކާއިން ޓައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެއްބަސްވި މި ދަނޑިވަޅުގައި، ބަޔާނެއް ނެރެ ރާއްޖެއިން ބުނީ ޓައިވާނަކީ ޗައިނާގެ ތަނެއް ކަމަށް!

ޓައިވާނަކީ ޗައިނާގެ މުހިއްމު ބައެއް ކަމަށާއި ޗައިނާގެ ހުރިހާ ސަރަހައްދެއްގެ ސިޔާދަތީ ބާރު އޮތީ ޗައިނާ ސަރުކާރަށް ކަމަށް ގަބޫލުކުރާ "ވަން ޗައިނާ" ސިޔާސަތު ރާއްޖޭން ވަރުގަދަ އަށް ދަމަހައްޓާ ކަމަށް ރާއްޖެއިން ބުނެފިއެވެ.

ފޮރިންރާއްޖޭން ޗައިނާއާ އެކު 1972 ވަނަ އަަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން މިއަދާ ހަމައަށް ވެސް ދަމަހައްޓަމުން އަންނަނީ އެ ސިޔާސަތު ކަމަށާއި އެއީ ގައުމުތަކުގެ ސިޔާދަތަށް ރާއްޖޭން ކުރާ އިހުތިރާމް ކަމަށް ވެސް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

"މި އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކޮށް، މިނިވަން ގައުމުތަކުގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ވަންނާތީ ދިވެހިރާއްޖެ އިން ކަންބޮޑުވުން ފާޅުކުރަމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލުކުރާ ސިޔާސަތާ ހިލާފަށް އަމަލުކުރީ ސީދާ ކޮން ގައުމަކުން ކަމެއް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނުބުނެ އެވެ. ނަމަވެސް އެ މިނިސްޓްރީން ބަޔާނެއް މި ނެރުނީ ޓައިވާނުގެ ސަރަހައްދީ ސަރުކާރަށް 11.1 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާ އިން އެއްބަސްވުމުން ޗައިނާ އިން ނުރުހުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

ޗައިނާއާ އެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރަން ރާއްޖޭން ތައްޔާރަށް އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *