ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސަނީ އުމަރުއާ ދެކޮޅަށް ހިންގަމުންދާ ތަހުގީގުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
"ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ވަނީ ކުރިއެރުންތައް ލިބިފައި އަދި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި،" މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލި އެވެ. ނަމަވެސް ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައެ އެވެ.
އަދި ޑިސެމްބަރު 1، ގެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާ ބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިން ވަނަ ފަހަރަށް ހައްޔަރުކުރީ ޑިސެމްބަރު 2، ގަ އެވެ.
އެފަހަރު ސަނީ ބަންދުކުރަން ކޯޓުން އަމުރުކުރީ 30 ދުވަހަށެވެ. އެ ބަންދު އަމުރުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 1، 2026 އަށެވެ.


