ފާހިޝް އަމަލުތައް ހިންގަމުން ދިޔަ 96 މަސާޖު ޕާލަރެއް، 22 ދުވަސްތެރޭ ބަންދުކޮށްފި

ފާހިޝް އަމަލުތައް ހިންގަމުން ދިޔަ 96 މަސާޖު ޕާލަރެއް، ފާއިތުވީ 22 ދުވަސްތެރޭގައި ބަންދުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މުޢިއްޒު”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް، އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން، ހިންގަމުންދާ މަސާޖު ޕާލަރުތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް 96 މަސާޖު ޕާލަރު މިހާރު ވަނީ ބަންދުކޮށްފައި ކަމަށެވެ.

މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަމީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، އަދި މުޖުމަތަޢުގެ ހާލަތު ބަދަލު ކުރެވޭނީ އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން. އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން.

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ (އައްރަޢުދު: 11)

އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވަމާތޯ!“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ފުލުހުންނާއި އިމިގްރޭޝަން ވެސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 96 މަސާޖު ޕާލަރެއް ބަންދުކޮށް، މިފަދަ ތަންތަން ހިންގަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވެސް ވަނީ ހައްޔަރުކޮށް ޑީޕޯޓު ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *