އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިންޒާރަށް ފަހު ވެނެޒުއޭލާގެ ވެރިރަށް ކަރާކަސް އަށް ހަމަލާ ދީފި އެވެ.
ވެނެޒުއޭލާގެ ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި މީހުން ކޮށްފައިވާ ޕޯސްޓްތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި މެންދަމުން އަލިވެ 2 ޖެހި ފަހުން ހެލިކޮޕްޓަރުތަކެއް ވެނެޒުއޭލާ ތެރެއަށް ވަރަށް ތިރިން އުދުހެމުން ވަނީ ވަދެފަ އެވެ. ހެލިކޮޕްޓަރު އުދުހޭ އަޑާއި ބާރުގަދަ ގޮވުންތަކުގެ އަޑު އެކި ހިސާބަތަކުން އިވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
މި ހަމަލާތަކާ އެކު ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ ކެރީބިއަން އަށް އެމެރިކާގެ ރައީސް ޓްރަމްޕު ނޭވީ ޓާސްކްފޯސްއެއް ކަނޑައެޅުއްވުމާ އެކު، ވެނެޒުއޭލާއާ އަށް އެއްގަމު މަގުން ހަމަލާ ދީފާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށެވެ.
ސޯޝަލް މީޑިއާގައި މީހުން ބުނެފައިވާ ގޮތުގައި ހަމަލާ ދިން ތަންތަނުގެ ތެރޭގައި ކަރަކަސްގެ ފުއެރްޓޭ ޓިއުނާ ފަދަ އަސްކަރީ ތަންތަން ހިމެނެ އެވެ. އަދި އެއާކްފާޓްތައް ވައިގެ ސަރަހައްދަށް ވަނުމާ އެކު ވެނެޒުއޭލާގެ ވައިގެ ދިފާއީ ނިޒާމުން ރައްދު ވެސް ދިން ކަމަށް ބުނެފައިވެ އެވެ.
ޓްރަމްޕުގެ އަމުރަށް ވެނެޒުއޭލާއާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން އެކި އޮޕަރޭޝަންތައް ހިންގަމުން ދާއިރު މިދިޔަ ހަފްތާގައި ޑޮކިން އޭރިއާއަކަށް ޑްރޯނުން ހަމަލާ ދީފައިވެ އެވެ. މިއީ އެމެރިކާގެ ހަމަލާއެއް ކަމަށާއި އެއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ބޭނުންކުރާ ތަނަކަށް ދިން ހަމަލާއެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް އެއްވެސް ގައުމަކުން މި ހަމަލާއާ ބެހޭ ވާހަކައެއް ރަސްމީކޮށް ދައްކާފައެއް ނުވެ އެވެ.
މި ހަމަލާއަށް ފަހު މަދޫރޯ ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.


