ލަންކާގައި ގަވާއިދާ ހިލާފަށް ކޯސް ހިންގުމުން އެވިޑް ކޮލެޖަށް އެމްކިޔުއޭ އިން ފިޔަވަޅު އަޅައިފި

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑިޓޭޝަން ދީފައިވާ ކޯސްތަކެއް. އަވަށްޓެރި ސްރީލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ކަން އެނގުމުން އެ އޮތޯރިޓީން އެވިޑް ކޮލެޖަށް ފިޔަވަޅު އަޅައިފި އެވެ.

އެކްކިޔުއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީން އެކްރިޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތަކެއް، އެވިޑުން ލަންކާގައި ހިންގީ އެ ގައުމުގެ "އެމަޒޯން ކޮލެޖް" އާއި ކޮން ގައުމެއްގެ ޔުނިވާސިޓީއެއް ކަން ނޭނގޭ، "އަލްޒެޓް ޔުނިވާސިޓީ" ނަމަކަށް ކިޔާ ޔުނިވާސިޓީއަކާ ގުޅިގެން ކަމަށެވެ.

އެކަން އެނގުނީ އެ ދެ ތަނުން އެވިޑްގެ ޕްރޮގްރާމް ފުރިހަމަ ކޮށް ހޯދާފައިވާ ސަނަދުތައް ސައްހަކަން ކަށަވަރުކުރަން އެ އޮތޯރިޓީއަށް ހުށަހެޅުމުން ކަމަށް ވެސް އެމްކިޔުއޭގެ ބަޔާނުގައި ބުންޏެވެ.

އެވިޑުން ލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓް ޔުނިވާސިޓީގައި ހިންގި ޕްރޮގްރާމްތަކުން ގުރެޖުއޭޓްވި ދަރިވަރުނަށް ދިން ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރަން ދަރިވަރުންނާއި އެ ގައުމުތަކުގެ ކޮލިފިކޭޝަން އެޖެންސީތަކުގެ އިތުރުން ސީދާ އެވިޑް ކޮލެޖުން ވެސް އެމްކިޔުއޭއަށް މައުލޫމާތު ދިން ކަަމަށް އެ ބަޔާނުގައި ބުންޏެވެ.

އެމްކިޔުއޭއިން ބުނީ މި ކަންކަމާ ގުޅިގެން، މި ކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގާފައިވާނެ ކަމަށެވެ.

އެހެންވެ އެމްކިޔުއޭގެ އެޑްވައިޒަރީ ބޯޑުގެ ލަފާ އާއެކު، އަޅާ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި، ނަސޭހަތް ދިނުމާ އެކު، އެކަން އާއްމުކޮށް އިއުލާނުކުރީ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެވިޑް ކޮލެޖުން އެގޮތަށް ކަންތައް ކުރުމުން ރާއްޖެއަށް ލިބޭނެ ބޮޑެތި ގެއްލުންތައް ވެސް އެމްކިޔުއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ. އޭގެ އެއް ކަމަކީ ރާއްޖޭގައި މަތީ ތައުލީމުދޭ ތަންތަނަށް ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ އިތުބާރަށް، އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *