ކައުންސިލްތަކުގެ މުސާރައާ ގުޅޭ ޝަކުވާ އެބަހުރި، ހައްލުކުރަން މަސައްކަތްކުރަމުން މިދަނީ: އާދަމް ޝަރީފް

މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ ޕޭ ފްރޭމްވޯކް ނުވަތަ މުސާރަ ދޭ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ، އެކަމަށް ގެނެވޭނެ ހައްލަކާ ގުޅޭ ގޮތުން ޕޭ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން މިރޭ ވިދާޅުވިއިރު، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގެ ސަބަބުން ބައެއް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ކުރިން ލިބެމުން އައި މުސާރަ ކުޑަވެފައިވާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ.

ނަމަވެސް ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތަކަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލުގެ ސަބަބުން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިއުން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލްތަކުން މިއަހަރުން ފެށިގެން މުސާރައަށް ކުރަންޖެހޭ ޚަރަދު އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވިއިރު މާލޭ ސިޓީ ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި އެހެނިހެން ސިވިލް މުވައްޒަފުންގެ މުސާރައިން ބައެއް މަދުވިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މާލޭގެ މޭޔަރު އާދަމް ޢާޒިމް މިދިޔަ އަންގާރަ ދުވަހު 'އެކްސް’ގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮންމެ މުވައްޒަފެއްގެ އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ މައިގަނޑު އަސާސީ އެކައްޗަކީ މަހު މުސާރައެވެ.

ކުއްޔާއި، ކެއިންބުއިމާއި، ބިލުތަކާއި، ދަރިންގެ ޓީއުޝަންފީއާއި، ލޯނާއި އަދި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރައިންނެވެ. އެހެންކަމުން، މުސާރައަށް އެއްކޮށް ބަރޯސާވާ އަދި ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅުޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑު ބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި ކައުންސިލްގެ ސިވިލް މުވައްޒަފުންނާއި އެހެނިހެން ސިވިލް މުވައްޒަފުން ގިނަ ވަގުތު މަސައްކަތްކުރަމުން ދަނީ ކުޑަ އުޖޫރައަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *