ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުސައިން ސަނީ އުމަރުގެ ތަހުގީގަށް ހެކި ހޯދަން ހ. އަނދުންގެއަށް އޭނާ މިއަދު ވެއްދުމުން ހިތްހަމަނުޖެހިގެން، ހަމަނުޖެހުން ހިންގައިފި އެވެ.
ސަނީ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހެކި ހޯދަން ފުލުހުން މިއަދު އޭނާ ވެއްދީ އަންހެނުން ދިރިއުޅޭ ގެއަށެވެ. ކުރިން އެންގުމަކާ ނުލައި ފުލުހުން އޭނާ ގޮވައިގެން އެ ގެއަށް ވަނުމ އާއިލާ އިން ވަނީ ނުރުހުންފާޅުކޮށް އޭނާ ވައްދަން ދެކޮޅު ހަދައިފަ އެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު، ޝަރީއަތް ނިމެންދެން ސަނީ ބަންދުކުރީ މިމަހުގެ 2 ވަނަ ދުވަހެވެ.
މި މައްސަލައިގެ ތަހުގީގަށް ހެކި ހޯދަން ސަނީ ކުރިން ދިރިއުޅުނު ގެއަށް ކޯޓު އަމުރަކާ އެކު ފުލުހުން ދިޔައީ ސަނީ ވެސް ގޮވައިގެންނެވެ. އޭނާ އެ ގެއަށް ވައްދަން ދެކޮޅު ހަދައި އާއިލާ މީހުން ގޮވަމުން ދިޔައީ އެ ގޭގެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު ވައްދައިގެން ނުވާނެ ކަމަށެވެ.
އާއިލާ ބައެއް މީހުން ނޫސްވެރިންނަށް ބުނި ގޮތުގައި ސަނީ އެ ގެއަށް ވެއްދީ އޭނާ ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ދެ ކުއްޖަކު ވެސް ގޭގައި ތިއްބަ އެވެ.
ފުލުހުންގެ ކޯޓު އަމުރު ވެސް ގޭގެ ވެރިފަރާތަށް ދައްކާފައި ނުވާ ކަމަށް ބުނެ އެ މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. އެކަމަކު ފުލުހުން ވަނީ ސެކިއުރިޓީއާ އެކު އޭނާ އެ ގެއަށް ވައްދައި ބައެއް ތަންތަން ބަލައި ފާސްކޮށްފަ އެވެ.
"މިގެއަށް އައި ތަނެއް އަހަރެމެންނަކަށް ނުފެނެއޭ. މިގެއަށް އައިކަން ވެސް އެނގުނީ ސެކިއުރިޓީ ގާޑު ބުނީމަ، ސަނީ އުމަރު ގެއަށް ވަދެއްޖެއޭ. ބުނީމަ އަހަރެމެން އައި އިރު ބޭރުގައި މި ހުރީ ފައިވާންތަކާ އެއްޗެހި،" ގޭގެ މީހަކު ބުންޏެވެ.
އެ މީހުން ބުނެފައިވާ ގޮތުގައި ފުލުހުން ވަނީ އެމީހުން އެއްވެފައި އޮތުމުން އިތުރު ފުލުހުން ވެސް އެ ގޭ ދޮށަށް ގެންގޮސް ސަނީއަށް ހިމާޔަތްދީފަ އެވެ.
ސަނީ އުމަރު ގޭ ތެރޭގައި އުޅެނިކޮށް، ގޭގައި އުޅޭ ބަޔަކު އައިސް ވަނީ އަޑުގަދަކޮށް، އޭނާ ގެއިން ބޭރަށް ނެރެން ގޮވާލައިފަ އެވެ. އަދި ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ފުލުހުން އެތަނުން އޭނާ ގޮވައިގެންދިޔައިރު އެމީހުން ވަނީ ސަނީ ގަޔަށް "އަރައިގެންފަ" އެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާގެ ގައިގައި ޖަހަން އުޅޭ މަންޒަރު ވެސް އާއްމުވެފައިވާ ވީޑީއޯތަކުން ފެނެ އެވެ.
ފުލުހުން ސަނީ ވަށާލައިގެން އެ ގެއިން ނިކުތްއިރު ގޭގެ މީހުން ވެސް ސަނީގެ ގައިގައި ހިފަހައްޓައި، ޖިންސީ ގޯނާކުރި މައްސަލާގައި ނުރުހުން ފާޅުކޮށްފަ އެވެ.


