ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ލިބުމަކީ އެ ކޯޓުގެ މަސައްކަތްތައް މީގެކުރިން ދުވަހަކު ވެސް އަވަސް ނުވާ މިންވަރަށް އަވަސްވެގެން ދިޔަ ކަމެއް ކަމަށް އެ ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެ ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާއްމުކުރި ކަރުދާހުގައި އިސް ގާޒީ ވިދާޅުވީ 2025 ވަނަ އަހަރަކީ ޖާގައިގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ކްރިމިނަލް ކޯޓަށް ތަސައްލީއެއް ލިބުނު އަހަރެއް ކަމަށެވެ.
މީގެ ދެ އަހަރު ކްރިމިނަލް ކޯޓުން ބޭނުން ކުރަމުންދިޔަ އިމާރާތުގެ ބޮޑު ބައެއް ބާވެ ހަލާކުވެ، އެ އިމާރާތް ބޭނުން ކުރުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގި އެވެ. އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތް ކުރާ މާލަންތައް ބަހައިގެން މަސައްކަތް ކުރަމުންދިޔައީ، އިސްގާޒީ ވިދާޅުވި ގޮތުގައި ނުހަނު އުނދަގުލުގަ އެވެ.
އެ ހާލުގައި ދެ އަހަރާއި ބައި ހޭދަވިއިރު، އިސްގާޒީ ވިދާޅުވީ ކޯޓުގެ ބެކްލޮގް އިތުރުވެ މައްސަލަތައް ނިމުން ލަސްވެ، އާންމުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް ގިނަވި ކަމަށެވެ. އަދި އިމާރާތް ބޭނުން ކުރުން ހުއްޓާލަން އެންގުމުގެ ކުރިއަށް 2022 ވަނަ އަހަރު މައްސަލަތައް ނިމުނު އަދަދާއި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 55 ޕަސެންޓް ދަށްވި ކަން ގާޒީ ފާހަގަކުރެއްވި އެވެ.
އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ކޯޓުގެ ދުވެއްޔަށް ކުރިމަތިވި ލަސްކަން ހައްލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 27ގައި ޖަސްޓިްސް ބިލްޑިން އެނެކްސް ހުޅުވި، އެ އިމާރާތަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ބަދަލުވުމުންނެވެ.
ޖާގައިގެ ދަތިތައް ހައްލުވުމުން އޭގެ ނަތީޖާ ރަނގަޅު ކަން ތަފާސްހިސާބުތަކުން ދައްކާ ކަން ގާޒީ ފާހަގަކުރެއްވި އެވެ.
ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކޯޓަށް 1،062 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. މިދިޔަ އަހަރު ޖުމްލަ 1،380 މައްސަލައެއް ނިންމާފައިވެ އެވެ. އޭގެ ކުރިން 2024 އަހަރު ނިންމާފައިވަނީ 649 މައްސަލަ އެވެ.
އާ އިމާރާތަށް ބަދަލުވުމުގެ ކުރިން 2025 ވަނަ އަހަރު އެވަރެޖްކޮށް މަހަކަށް ނިންމާފައިވާ މައްސަލައިގެ އަދަދަކީ 72 އެކެވެ. އާ އިމާރާތަށް ބަދަލުވުމަށް ފަހު އެވްރެޖުކޮށް މަހެއްގެ މައްޗަށް 175 މައްސަލަ ނިންމާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ރޭޓުން މަސައްކަތް ކުރިއަށްދާ ނަމަ، މި އަހަރު ނިމޭއިރު ދެހާހަށް ވުރެ ގިނަ މައްސަލަތައް ނިމޭނެ ކަމަށެވެ. މި އަހަރަކީ ކޯޓުގެ މަސައްކަތުގެ ދުވެލި ކޯޓުގެ ތާރީހުގައި ވެސް ނުދެކޭހައި ބާރުމިނުގައި ހުންނާނެ އަހަރެއް ކަމަށް ބެލެވޭއިރު ބެކްލޮގުގައި ހުރި މައްސަލަތައް މި އަހަރު ތެރޭގައި ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.


