ފީފާގެ ހަރަދުގައި މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ހަދަން ފެށި އެރީނާ ޕްރޮޖެކްޓްގެ އިމާރާތުގައި ގުދަންބަރި ހަދަން ކުއްޔަށް ދިން އެއްބަސްވުންތަކަށް އަމަލުނުކުރަން އެފްއޭއެމުން އިއްޔެ ނިންމައިފި އެވެ.
އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ފީފާއިން ހަރަދުކޮށްގެން ހަދާ އެރީނާ ޕްރޮޖެކްޓަށް، ސްޕޯޓްސް މިނިސްޓްރީން އެެފްއޭއެމަށް 50 އަހަރަށް ދޫކުރި އެ ބިމުގައި ހަދާފައިވާ އިމާރާތްތަކުގައި އަމިއްލަ ވިޔާފަރީތަކަށް ގުދަންބަރިތައް ހެދުމަށާއި އެ ބިމުން އެކި ކަންކަމަށް ވަނީ ޖާގަތައް ދޫކޮށްފަ އެވެ.
އެ އެއްބަސްވުންތައް އެ ފަރާތްތަކާ އެކު ހެދީ އެފްއޭއެމްގެ އެކްސްކޯގެ ނިންމުމަކާ ވެސް ނުލަ އެވެ. އަދި އެ ޕްރޮޖެކްޓަށް ހަރަދު ކުރި ފީފާގެ މަޝްވަރާ އާއި އެ ބިން އެފްއޭއެމަށް ދޫކުރި ސްޕޯޓްސް މިނިސްޓްރީގެ މަޝްވަރާ ވެސް ހޯދާފައި ނުވެ އެވެ.
އެކްސްކޯގެ ނިންމުމަކާ ވެސް ނުލައި އަދި ފީފާ އާއި ސަރުކާރުގެ މަޝްވަރާ ވެސް ނުހޯދައި ގުދަން ބަރި ހަދަން ކުއްޔަށް ދިން މައްސަލަ ބަލާނެ ކަމަށް އެފްއޭއެމުން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާން ކުރި އެވެ.
އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި ކުރިއަށްދިޔަ މަރުހަލާގައި ފީފާގެ ހުއްދަ ނުހޯދައި، އެފްއޭއެމުން ވަނީ ކުރެހުމަށް ބަދަލު ގެނެސް ގުދަންބަރިތަކެއް ހަދައި ކުއްޔަށް ދީފަ އެވެ. އެ މައްސަލަ ފީފާގެ ސަމާލުކަމަށް ވެސް ކުރިން އޮތީ އައިސްފަ އެވެ.
އެހެންވެ ޑިސްޕްލިނަރީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަން އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީ އަށް ސެޕްޓެމްބަރު މަހު ފޮނުވި އެވެ.
އިއްޔެ އެ އެސޯސިއޭޝަނު އެކްސްކޯއިން ނިންމީ އެ އެއްބަސްވުންތަކަށް އަމަލުކުރުން ހުއްޓާލުމަށެވެ.


