އަމަލުކުރަން ފެށިތާ ދެމަސްދުވަހުގެ ތެރޭގައި ޖެނެރޭޝަން ބޭންގެ އަސަރު ފެންނަން ފަށައިފި ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ

ދެހާސް ހަތަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރާ ’ޖެނެރޭޝަނަލް ބޭން’އަށް އަމަލު ކުރަން ފެށިތާ ދެ މަސްވެފައިވާއިރު އޭގެ އަސަރު މަޑުމަޑުން ފެންނަން ފަށާފައިވާކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މިއީ މީހުންގެ އުޅުމާ ގުޅުން ހުރި ކަމަކަށް ވުމުން ބަދަލު ފެންނަން ދުވަސް ނަގާނެ ކަމަށެވެ.

ނަމަވެސް މީހުންގެ ވާހަކަތަކަށް ބަލާއިރު އޭގެ އަސަރު ފެންނަން ފަށާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”މީގެ ސައިންޓިފިކް ސްޓަޑީއެއް އަދި ހެދިފައި ނެތަސް، ވަރަށް ގިނަ މީހުން ބައްދަލުކޮށްފައި ވެސް ބުނޭ، މިސްކިތަށް އަރާލީމަ ވެސް މިހާރު ސިނގިރޭޓުގެ ވަސް މަޑޭ. މި ފިޔަވަޅާ އެކު ވަރަށް ގިނަ މީހުންނަށް އެބަ ބަދަލު އާދެއޭ، ވަރަށް ގިނަ މީހުން ވިސްނައޭ،“ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ދުންފަތް ބޭނުން ކުރުމާ ދެކޮޅަށް ސަރުކާރުން މިހާ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކައި، އެޖެންޑާގައި ހިމަނައިގެން ފިޔަވަޅު އަޅާތީ ކުރިއެރުންތައް ލިބޭ ކަމަށެވެ. އަދި މީހުންގެ ތައުރީފް ވެސް އެކަމަށް ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *