ގަޕޯ: އިންތިހާބު ކާމިޔާބު ވާނީ އެކަތިގަނޑެއްގެ ގޮތުގައި ގަދަކޮށް ތިބެގެން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވާނަމަ އެމްޑީޕީގެ މެންބަރުން ގުޅިގެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޣަފޫރު ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބަށް ނިކުމެ ތިބީ އުއްމީދަކާ އެކު ކަމަށެވެ. އެކަމަކު އެމްޑީޕީގެ އުއްމީދު ހަގީގަތަކަށް ހެދުމަށްޓަކައި މިހާރު ހުރި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، "ގަދަކޮށް ތިބެން ޖެހޭ" ކަމަށް ވިދާޅުވި އެވެ.

"އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައް ކުރަން ވެއްޖިއްޔާ ބޭނުންވާ އަދަދަށް މި ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވޭނެ،" ޣަފޫރު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީ ނިކުމެ އޮތް އިރު އެ ޕާޓީގެ އެންމެ ބޮޑު ހިޔާލު ތަފާތު ވުމެއް މިވަގުތު އޮތީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑަ އެޅުމުގައެވެ. ޕްރައިމަރީގައި މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމާއި، މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވާދަ ކުރައްވަމުން ގެންދަވާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަޝިޕް ވަނީ ދެ ކެންޑިޑޭޓުންގެ ފެކްޝަންތަކަށް ބެހިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *