ވެނެޒުއޭލާގެ ތެޔޮ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށް އެމެރިކާއިން ބުނެފި

ވެނެޒުއޭލާއިން އެމެރިކާއަށް، 2.8 ބިލިއަން ޑޮލަރުގެ އަގުހުރި ތެޔޮ ފީފާ ހަވާލުކުރާނެ ކަމަށާއި، އެ ތެޔޮ ވިއްކުމަށް ފަހު ބޭނުންކުރާނީ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއިން ވަނީ ވެނެޒުއޭލާއަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އަނބިކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެންގޮސްފައެވެ.

އޭގެ ކުރިން ޓްރަމްޕް ވަނީ މަދޫރޯއަށް ތަކުރާރުކޮށް އިންޒާރު ދެއްވައި، ވެނެޒުއޭލާއިން އެމެރިކާއަށް މަސްތުވާތަކެއްޗާއި ގޭންގުތައް ފޮނުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

އެމެރިކާގައި މަދޫރޯއާއި އަނބިކަނބަލުން ސީލިއާ ފްލޮރެސްއަށް ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ދައުވާތަކެއް ކޮށްފައެވެ. އެ ދައުވާތަކަށް ދެ ބޭފުޅުން ވަނީ އިންކާރުކުރައްވައިފައެވެ.

އެ މައްސަލައިގެ ސަބަބުން ވެނެޒުއޭލާގެ ސިޔާސީ އަދި ޚާރިޖީ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ގައުމު ވަނީ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ނަމަވެސް ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ.

ވެނެޒުއޭލާ އަލުން އާންމު ހާލަތަށް ދިޔުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ އެޕް ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ގައުމުގައި މިހާރު އޮތް ސަރުކާރުން އެމެރިކާއަ 30 އަދި 50 މިލިއަން ފީފާ ތެޔޮ ހަވާލުކުރާނެ ކަމަށް ވިދާޅެފައެވެ.

"އެ ތެޔޮ ބާޒާރު އަގުގައި ވިއްކައި، އެ ފައިސާ ކޮންޓްރޯލް ކުރާނީ އަޅުގަނޑު، އެމެރިކާގެ ރައީސް، އެއީ އެ ފައިސާ ބޭނުންކުރަނީ ވެނެޒުއޭލާއާއި އެމެރިކާގެ ރައްޔިތުންނަށް ފައިދާވާ ގޮތަށްކަން ކަށަވަރު ކުރުމަށް،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ވެނެޒުއޭލާގެ މިހާތަނަށް ދެނެގަނެވިފައިވާ ތެލުގެ އެންމެ ބޮޑު ރިޒާވް އޮތް ގައުމެވެ. ނަމަވެސް އެ ގައުމުން އެ ދާއިރާއަށް އެކަށީގެންވާ ގޮތެއްގައި އިންވެސްޓު ނުކުރުމާއި، ހިންގުމުގެ ދޯހަޅިކަމުންނާއި، އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ތެޔޮ އުފެއްދޭ މިންވަރު ވަނީ ދަށްވެފައެވެ.

އެމެރިކާއިން ވަނީ ވެނެޒުއޭލާގެ ތެޔޮ ބޭރުކުރާ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ފިއްތުންތައް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ޕެނަމާ ކެނަލް ފަދަ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދުތަކުން ދަތުރުކުރާ ތެޔޮ ބޯޓުތައް ވަރަށް ގާތުން ބަލައި ފާސްކުރުން ހިމެނެއެވެ.

އެމެރިކާއިން މިހާރު އެޅި ފިޔަވަޅުތަކާއެކު، ވެނެޒުއޭލާގެ ތެލުގެ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި މިހާތަނަށް ތެލުގެ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، މި ހާލަތު މިގޮތަށް ދިގުލައިގެން ދާނަމަ ކަނޑުދަތުރުފަތުރާއި ސަރަހައްދީ ވިޔަފާރި ފަދަ ކަންކަން ހިމެނޭ ގޮތަށް، ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *