އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން، އެ ގައުމުގެ ވަގުތީ ސަރުކާރުން ސިޔާސީ ކުށްވެރިން މިނިވަންކުރަން ފަށައިފިއެވެ.
މަދޫރޯ ހައްޔަރުކޮށްފައިވަނީ ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ނިއުޔޯކަށް ގެންދިއުމަށް އެމެރިކާގެ ފައުޖުތަކުން ކަރަކަސްގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ވެނެޒުއޭލާގެ ނޭޝަނަލް އެސެމްބްލީގެ ރައީސް އަދި ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްގެ ކޮއްކޮ ޖޯޖް ރޮޑްރިގޭޒް ވިދާޅުވީ، ކުށްވެރިން ދޫކޮށްލުމަކީ "ގައުމީ އެއްބައިވަންތަކަމާއި ސުލްހަވެރިކަމާއެކު އުޅުމަށް" އެޅި ފިޔަވަޅެއް ކަމަށެވެ. މި ނިންމުމަކީ މަދޫރޯގެ ވެރިކަން ނިމުމަކަށް އައުމަށްފަހު ގައުމުގެ މަސްލަހަތު ގާއިމުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިނިވަންކުރި މީހުންގެ ތެރޭގައި މަޝްހޫރު އެކްޓިވިސްޓް ރޮސިއޯ ސަން މިގޭލް ހިމެނެއެވެ. އޭނާ މިހާރު ވަނީ ކަރަކަސްގައި ހުންނަ ސްޕެއިންގެ އެމްބަސީއަށް ގޮސްފައެވެ. މީގެ އިތުރުން ސްޕެއިންގެ ފަސް ރައްޔިތަކުވެސް ވަނީ ދޫކޮށްލާފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވީ ނަމަވެސް، އަދިވެސް އެތައް ސަތޭކަ ބަޔަކު ބަންދުގައި ތިބިކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ވެނެޒުއޭލާގެ ސިޔާސަތަށް އައި މި ބަދަލަކީ އެމެރިކާއިން ޒަމާނުއްސުރެ ކުރަމުން އައި ޑިމާންޑްތަކާ އެއްގޮތަށް އައި ބަދަލެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނިޔާކުރުމުގެ ތުހުމަތުތައް އަމާޒުވެފައިވާ މަޝްހޫރު އެލް ހެލިކޮއިޑް ޖަލު ބަންދުކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
މި ދަނޑިވަޅުގައި، އިދިކޮޅު ލީޑަރު އަދި ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ މާރިއާ ކޮރީނާ މަޗާޑޯ އަންނަ ހަފުތާގައި އެމެރިކާއަށް ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވެއެވެ. ރައީސް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޗާޑޯއަށް ލިބިވަޑައިގެންފައިވާ ނޯބެލް ސުލްހައިގެ އިނާމު އޭނާއަށް ހަދިޔާކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ.


