މެދުއިރުމައްޗަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލުން ނެރުނު ޓްރެވަލް އެޑްވައިޒަރީއެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރަމުންދާތީ، އެ ސަރަހައްދަށް ދަތުރުކުރައްވާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން، އެއަރޕޯޓަށް ވަޑައިގެންނެވުމުގެ ކުރިން ކޮންމެ ފަސިންޖަރަކުވެސް އެމީހަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއްކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ދަތުރުވެރިން ސަމާލުކަން ދޭންޖެހޭ ކަންކަން:

  1. ދަތުރުކުރައްވާ އެއަރލައިންގެ ވެބްސައިޓު ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން.
  2. ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރުގެ ކަންކަން ހަމަޖައްސާފައިވާނަމަ، އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުން.
  3. ދަތުރުގެ ކަންކަން ދުރާލާ ރޭވުމާއި، ފްލައިޓަށް ބަދަލެއް އައިސްފައިވޭތޯ ތަކުރާރުކޮށް ޗެކްކުރުން.

މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮޕަރޭޓުކުރާ ފްލައިޓުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް fis.com.mv އަށް ޒިޔާރަތްކުރެއްވުމަށްވެސް އެމްއޭސީއެލުން ވަނީ އިރުޝާދު ދީފައެވެ.

މި ޓްރެވަލް އެޑްވައިޒަރީ ނެރެފައިވަނީ ދާދި ދެންމެއަކު އެވެ. މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާ މިންވަރަކުން، ދަތުރުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވާތީ، ދަތުރުވެރިން އަބަދުވެސް އެންމެ ފަހުގެ މައުލޫމާތަށް ހުށިޔާރުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅުއްވަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *