އެމެރިކާ އާއި އިޒްރޭލު އަދި ޔަހޫދީންގެ ވާގިވެރިން ގުޅިގެން ހަމަލާތައް ފެށީ އީރާނުގެ ލީޑަރޝިޕް ބަދަލުކުރުމަށް އަމާޒު ހިފައިގެންނެވެ. މިފަހަރު އެމެރިކާ އާއި އިޒްރޭލުން އެނެމް ބޮޑު ހޭދައެއް ކުރީ އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީގެ ހަރަކާތްތަކަށް ފާރަލައި މައުލޫމާތު ފޯރުކޮށްދޭނެ ޖާސޫސުންނަށެވެ. އެކަމަށްޓަކައި އީރާނުގެ ހާމަނާއީގެ އެންމެ އަރިސް ބޭފުޅުންނާ ހަމައަށް އިންޓެލިޖެންސްގެ ކަޅު ފައިސާ އާއި އިނާޔަތްތައް ފޯރުކޮށްދީފައިވެއެވެ.
އެމެރިކާ އާއި އީރާނުން ބަލާފައި ވަނީ އެމީހުންނަށް ވާގިވެރިޔާ ސަރަހައްދުގެ އެހެން ގައުމުތަކަށް އީރާނުގެ ރައްދު ހަމަލާތަކުގައި ލިބޭނެ ގެއްލުން ކުޑަވާނެ ގޮތަކަށް އީރާނުގެ އިސް ލީޑަރުން އަވަހަރާކޮށްލުމަށެވެ. ޝަހީދުކޮށްލުމަށެވެ. އީރާނުގައި ހަނގުރާމައަށް ފަރިތަ ބޮޑު ލަޝްކަރަކާއެކު ވަރުގަދަ ހަތިޔާރުވެސް އެބަހުއްޓެވެ.
އެހެންނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއި މީހުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ އެމެރިކާ އާއި އިޒްރޭލުން އަބަދުމެ ގެންދަނީ ނަގަމުންނެވެ. އެއީ އީރާނުގެ ވެރިކަމުގެ ކޮވެލީގައި އުޅުއްވާ އިސް ބޭފުޅުންގެ ކަންކަން ދެނެގަނެވޭނެ ސިއްރު މައުލޫމާތު ގަނެ، އެމީހުންނަށް އަމާޒުކޮށް އެތެރެއިންނާއި ބޭރުން ހަމަލާތައްދީ ޝަހީދުކޮށްލުމެވެ. އީރާނަށް އެކަން ވިސްނިގެން ޖާސޫސުން ސާފުކުރުމުގެ ބޮޑު އޮޕަރޭޝަނެއްވެސް ހިންގިއެވެ. އެހެންނަމަވެސް އެމެރިކާ އާއި އިޒްރޭލުގެ ޖާސޫސީ މޫތައް ހުރީ އެއަށްވުރެ މާފުނަށް ފައިބާ ހަރުލާފައެވެ.
މިހެން މިކަން ދިމާވަނީ މުސްލިމުންގެ ގުޅުންތެރިކަމެއް، ބަދަހިކަމެއް ނެތުމުންނެވެ. ހުޅަނގު ރުއްސަން ސިޔާސަތުތައް ރާވައި ހިންގާތީއެވެ. މުސްލިމުންނާއި އަރަބީންގެ ކަންކަން ރަނގަޅު ކުރެވޭނީ މުސްލިމުން އެކަތިގަނޑަކަށްވެގެންނެވެ. އެމެރިކާ އާއި އިޒްރޭލާއި އެމީހުންގެ ވާގިވެރިންގެ ވިސްނުމެއް، އަމަލެއް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އެމީހުން ނިމިދާނީވެސް މުސްލިމުންނަށް ޖެއްސުންކޮށް ގަތުލްއާންމު ހިންގުމުގައެވެ. ހާމަނާއީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އީރާނަށް ނަސްރާއި ކާމިޔާބު ދެއްވާށި! އާމީން.


