ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އަދާލަތުން ތާއީދު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައުމަށް ނިންމާފައިވާ އިޞްލާޙަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ރޭ ނިންމައިފިއެވެ.

އެ ޕާޓީން މިގޮތަށް ނިންމީ ރޭ ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަދާލަތު ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރުމާ މެދު އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި "ފެންނަ" ކަމަށް ވޯޓު ދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. މި ނިންމުން ނިންމީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ރިޢާޔަތްކޮށްފައި ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި މަޖިލީހުގެ ދައުރު ކުރުކުރަން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް، ޤާނޫނުއަސާސީގައިވާ ގޮތުން މިފަދަ އިސްލާހަކަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ތާއީދު ލިބިގެންނެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 4 އޭޕްރީލް 2026 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގައެވެ.

މި ވޯޓުގައި "އާނއެކޭ" ބުނުމަށް ވެރިކަން ކުރާ ޕީއެންސީގެ އިތުރުން، ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ވިޔަފަރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ނިންމާފައެވެ. އެހެންކަމުން އަދާލަތު ޕާޓީއަކީ މި އިސްލާހަށް ތާއީދުކުރި ހަތަރުވަނަ ޕާޓީއެވެ.

މި އިސްލާހާ ދެކޮޅަށް މަސައްކަތް ކުރަމުންދަނީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިންނެވެ. އެމްޑީޕީން ވަނީ މި ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ މިކަމުގައި ޤާނޫނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *