ކޯޓާއެއް ނެތި ބޭނުން ވަރަކަށް ތެޔޮ އުފެއްދުމުގެ މިނިވަންކަން ހޯދުމަށް އޯޕެކް އަދި އޯޕެކް ޕްލަސް އިން ޔޫއޭއީ ވަކިވެއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކް އަދި އޯޕެކް ޕްލަސް އިން ވަކިވެއްޖެ ކަމަށް އިއުލާނުކޮށްފި އެވެ.

ޚުލާސާ އޮންލައިންގައިވާ ގޮތުގައި އެމެރިކާ އަދި އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގެ ދިފާއުގައި އީރާނުން ތެޔޮ އުފުލާ އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ސާފުނުކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ތެޔޮ ބޭރުކުރުމަށް ގަލްފުގެ އޯޕެކް ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. މީގެ އިތުރުން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ އެހީތެރިކަން ތެލުގެ އަގާ ގުޅުވައި، އޯޕެކްގެ މެންބަރުން ހިމާޔަތްކުރާއިރު އެ ގައުމުތަކުން ތެލުގެ އަގު މަތިކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

ޔޫއޭއީ އިން މި ނިންމުން ނިންމާފައިވަނީ، ހަނގުރާމައިގެ ތެރޭގައި އީރާނުން ދެމުންދިޔަ ހަމަލާތަކުން އެ ގައުމު ހިމާޔަތްކުރުމަށް އަރަބި އެހެން ގައުމުތަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ބުނެ ފާޑުކިޔުމަށްފަހު އެވެ. މިކަމާ ގުޅޭގޮތުން ޔޫއޭއީގެ ރައީސްގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް ވަނީ ގަލްފު ގައުމުތަކުގެ އިޖާބައަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހޯމަ ދުވަހު ބޭއްވި 'ގަލްފް އިންފްލުއެންސާސް ފޯރަމް' ގައި ވާހަކަދައްކަވަމުން ގަރްގާޝް ވިދާޅުވީ، "ޖީސީސީގެ ގައުމުތަކުން ލޮޖިސްޓިކް ގޮތުން އެކަކު އަނެކަކަށް އެހީތެރިވި ނަމަވެސް، ސިޔާސީ އަދި އަސްކަރީ ގޮތުން އެ ގައުމުތަކުގެ މަގާމަކީ ތާރީޚީ ގޮތުން ބަލާއިރު އެންމެ ބަލިކަށި މަގާމު" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަރަބި ލީގުގެ ފަރާތުން މިފަދަ ބަލިކަށި އަމަލުތަކެއް ފެނުމަކީ ހައިރާންވާ ކަމެއް ނޫން ނަމަވެސް، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ފަރާތުން އެފަދަ ކަމެއް ފެނުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

ޔޫއޭއީގެ މި ނިންމުމާއެކު ދުނިޔޭގެ ތެލުގެ ބާޒާރަށާއި ސަރަހައްދީ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *