އެމްޑީޕީއަށް މާލީ އެހީ ދޭނެ މީހުން އެބަތިބި، މަސްލަހަތު ރަނގަޅު ވާނީ އިންތިހާބު ބާއްވައިގެން: ރައީސް ނަޝީދު

އިދިކޮޅު އެމްޑީޕީއަށް މާލީ ދަތިތަކެއް ކުރިމަތިވެއްޖެނަމަ އެހީތެރިކަން ދޭނެ ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަވަހަށް ބޭއްވުންކަމުގައި، އެ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލީ ގޮތުން ދަތިތަކެއް މިވަގުތު އެ ޕާޓީގައި ހުރުމުން، ޗެއާޕާސަން އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވަނީ ހުށަހަޅުއްވައިފައެވެ.

ޗެއާޕާސަން އިންތިހާބުގެ އިތުރުން ދާއިރާތަކުގެ އިންތިހާބު ވެސް ފަސްކުރުމަށް ގަފޫރު އެދިވަޑައިގެންނެވީ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް އިއްޔެ ފޮނުއްވި މެސެޖެއްގައެވެ.

ގަފޫރުގެ އެ މެސެޖުގައިވާ ގޮތުން އިންތިހާބު ފަސްކުރަން ބޭނުންވަނީ:

  • މި ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަަހަތު ގެއްލި ސަރުކާރު ޖަވާބުދާރީކުރުވަން ހުރަސްތަކެއް ކުރިމަތިވާނެތީ
  • މި އަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައިނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބު ބާއްވަން އެއްވެސް ފައިސާއެއް ނެތުމުން

ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދު ކެމްޕޭނުގައި ތ. ކިނބިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބު ކުރިއަށް ގެންގޮސް އަވަހަށް ނިންމުމަކީ، އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ޕާޓީއަށް އޮތް ވަރަށް ބޮޑު ފައިދާއެއް އަދި ރަނގަޅު ކަމެއް ކަމަށެވެ.

”މާލީ ދަތިތައް އެންމެން ހޭދަކޮށްގެން ހައްލު ކުރެވޭނެ. އަދި ޕާޓީއަށް އެހީވުމަށް ވަރަށް ގިނަ މީހުން ތިބެނީ ތައްޔާރަށް. ވިޔަފާރިވެރިން ވެސް ތިބެނީ މާލީ އެހީ ދޭން ވެސް ތައްޔާރަށް. އެހެންވީމާ އެއީ މާ ބޮޑު ދައްޗަކަށް ނުވާނެ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *