ކްރައުން އެންޑް ޗަމްޕާގެ ޖަވަކާރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ވެލަޔަށް ފަރުވާ ދޭ ހާއްސަ މަރުކަޒެއް

ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކާރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ވެލަޔަށް ފަރުވާ ދޭ ހާއްސަ މަރުކަޒެއް މިއަދު ހުޅުވައިފި އެވެ.

މި ރިސޯޓާއި ވެލާ ކަހަނބުގެ ހިމާޔަތުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) ގުޅިގެން ހެދި މި "ޓާޓަލް ހެލްތު އިންސްޓިއުޓް" ހުޅުއްވައި ދެއްވީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރު ސާރާ މޫސާ އެވެ.

މި މަރުކަޒުގައި އެއް ފަހަރާ ހަތް ވެލަޔަށް ފަރުވާ ދެވެ އެވެ. މި ވަގުތު ވެސް މި ތަނުގައި ހަތް ވެލަޔަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރޭގައި ދަލުގައި އޮޅިފައި އޮއްވާ ފެނުނު ވެލާތަކާއި ފިޔަގަނޑު ބުރިވުން ކަހަލަ އެކިއެކި އަނިޔާތައް ލިބިގެން ފަރުވާ އަށް ގެނެސްފައިވާ ވެލާތައް ހިމެނެ އެވެ. ފަރުވާ ދިނުމަށް ފަހު، ފަސޭހަވި ދެ ވެލައެއް މިހާރު ވަނީ ކަނޑަށް ދޫ ވެސް ކޮށްލައިފަ އެވެ. 

ކަނޑަށް އުކާފައި ހުންނަ ކުނިބުންޏާއި ދާ ފަދަ ތަކެތީގައި ވެލާ އޮޅި އޭގެ ގުނަވަންތަކަށް އަނިޔާވުމަކީ އާންމު ކަމެކެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ އެގޮތަށް ފެންނަ ވެލާތައް ގެނެސް، އެއަށް ފަރުވާދީ، ރަނގަޅުވުމުން އަލުން އޭގެ މާހައުލަށް އެ ސޮރުމެން ދޫކޮށްލުމެވެ.

މިތަނުގެ ވަސީލަތްތައް

  • އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ): މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވެލާ ކަހަނބަށް ހާއްސަކޮށް ހެދި ފުރަތަމަ އައިސީޔޫ އެވެ. ކްރިޓިކަލް ހާލަތްތަކުގައިވާ މިތަނުން ވެލާ ކަނހަބަށް ވަރަށް ރަނގަޅަށް ފަރުވާ ދެވެ އެވެ.
  • ރިހެބިލިޓޭޝަން ޓޭންކްތައް: ވެލަޔަށް ފަރުވާދީ ފަސޭހަވަން ދެން ބައިތިއްބާނެ ބޮޑެތި ބުރު ޓޭންކްތަކެއް މިތަނުގައި ހުރެ އެވެ. މިއީ ވެލާގެ ހަށިގަނޑަށް އަނިޔާނުވާނެހެން ފަރުމާ ކޮށްފައިވާ ތަންތަނެވެ. މީގެ ހަތް ޓޭންކް މިވަގުތު އެބަހުއްޓެވެ. އެއީ ކޮންމެ ވެލަޔަކަށް ޓޭންކެކެވެ.
  • ޑައިގްނޯސްޓިކް ލެބް: އޮޕަރޭޝަން ކުރާ ކޮޓަރިއަކާއި ބަލި ދެނެގަންނަން ބޭނުންކުރާ އެންމެ ފަހުގެ މެޑިކަލް ވަސީލަތްތައް މިތަނުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި އެކްސްރޭ ރޫމް ވެސް ހިމެނެ އެވެ.

މިތަނުގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެން ވެޓެރިނަރީ ނާސް ކޯސްތައް ވެސް ކުރިއަށް ގެންދެ އެވެ.

މި "ޓާޓަލް ހެލްތު އިންސްޓިއުޓް"އަކީ މިދިޔަ އަހަރު ޖަވަކާރާގައި ހުޅުވި ބޮޑު މެރިން ރިސާޗު ސެންޓަރުގެ ބައެކެވެ. މެރިން ރިސާޗު ސެންޓަރުގައި މުރަކަ އާލާކުރާ ލެބަކާއި ކިޔަވައިދޭ ކްލާސްރޫމްތައް ވެސް ހުރެ އެވެ. އެ ސެންޓަރު ހުޅުވުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ނިއުޒިލެންޑުގެ އޮކްލެންޑް ޔުނިވާސިޓީ އާއި އެމެރިކާގެ އީޕީއޭއާ ގުޅިގެން "އެޓޯލް މޯލްޑިވްސް ވޯކްޝޮޕް" ނުވަތަ ކޮންފަރެންސް ވެސް ބާއްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *